ޚަބަރު

ނަފްސާނީ، އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒެއް ހަދަނީ


ނަފްސާނީ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދޭ ޚާއްޞަ މަރުކަޒެއް ޤާއިމްކުރުމަށް ބޭނުންވާ އޮނިގަނޑު އެކުލަވާލުމާބެހޭ މަޝްވަރާތައް ދިވެހި ރެޑް ކްރެސެންޓް ޖަމްޢިއްޔާއާއި ކަމާބެހޭ އިދާރާތަކުން ފަށައިފިއެވެ.މިކަމަށްޓަކައި ޚާއްޞަ މަސައްކަތު ބައްދަލުވުމެއް މިއަދު ބޭއްވިއެވެ. މިބައްދަލުވުން ބޭއްވީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާވެސް ގުޅުވައިގެންނެވެ.  މިބައްދަލުވުމުގެ ތެެރެއިން، 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ސުނާމީ އެރި ގަޑިކަމަށް ކަނޑައަޅާފައިވާ 9.20 ގައި ހަމަހިމޭންކަމުގެ ސްކޫތެއް ގެނައެވެ. ނަފްސާނީ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒެއް ޤާއިމްކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި މޯލްޑިވިއަން ރެޑްކްރެސެންޓުން މިއަދު ބޭއްވި މަސައްކަތު ބައްދަލުވުން ޝަރަފްވެރި ކޮށްދެއްވީ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައިސާ އާމިނަތު އީނާސްއެވެ. މި މަސައްކަތު ބައްދަލުވުމުގައި ނަފްސާނީ އިޖްތިމާޢޫ އެހީތެރިކަން ބެނުންވާ ފަރާތްތަކަށް އެ ޚިދުމަތް ދިނުމަށް ބޭނުންވާ މަރުކަޒު ޤާއިމްކުރުމަށްޓަކައި ބޭނުންވާ އޮނިގަނޑު ރޭވިގެންދާނެކަމަށް ސައިކޯ ސޯޝަލް ސަޕޯޓް ޔުނިޓުން ބުނެއެވެ.ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއްގައި ސައިކޯ ސޯޝަލް ސަޕޯޓް ޔުނިޓްގެ ބޯޑް މެމްބަރު ޢާއިޝަތު ނޫރާ މުޙައްމަދު ވިދާޅުވީ، އެ މަރުކަޒުގެ މަސައްކަތްތައް ފަށައިގަތުމަށް މަގުފަހިކުރެވޭނެ ގިނަ ނިންމުންތަކެއް މިބައްދަލުވުމުގައި ނިންމާނެކަމަށެވެ. މަސައްކަތު ބައްދަލުވުން ޝަރަފްވެރިކޮށްދެއްވި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އައިމިނަތު އީނާސް ވިދާޅުވީ އެކި އަތޮޅުތަކުގައި މި ޚިދުމަތް ފޯރުކޮށްދެވޭނެ ފަރާތްތައް އެބަތިބިކަމަށާއި، މޯލްޑިވިއަން ރެޑް ކްރެސެންޓާއި، އެހެނިހެން މުއައްސަސާ ތަކުގައިވެސް މިޚިދުމަތް ފޯރުކޮށްދެވޭނެ ފަރާތްތައް އެބަތިބިކަމަށެވެ.އެއްދުވަހުގެ މި މަސައްކަތު ބައްދަލުވުމުގައި ތަފާތު ދާއިރާތަކުން ނަފްސާނީ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދޭ 60 ފަރާތެއް ބައިވެރިވިއެވެ.