ޚަބަރު

ކޯވިޑްގެ ހާލަތުގައި ދިމާވި ދަތި ކަންކަން ހައްލުވީ ޓެކްނޮލޮޖީގެ ސަބަބުން: ނާއިބު ރައީސް


ކޯވިޑްގެ ހާލަތުގައި ދިމާވި ދަތި ކަންކަން ހައްލުވެގެން ދިޔައީ ޓެކްނޮލޮޖީގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް މިހެން ވިދާޅުވީ ރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ގްރެޖުއޭޝަން ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ގްރެޖުއޭޝަން ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވަނީ ޤައުމުގެ ތަރައްޤީ ބިނާވުމުގައި ޓެކްނޮލޮޖީގެ މުހިންމުކަން ފާހަގަކުރައްވާ، ދުނިޔޭގެ ކުރިއަރައިފައިވާ ޤައުމުތަކާއި އެއް ހަމައެއްގައި ހިފަހައްޓާލެވޭނެފަދަ ވަސީލަތްތައް ޤާއިމުކުރެވިއްޖެ ނަމަ އޭގެ ފަސޭހަކަން މުޅި ޤައުމަށްވެސް ކުރާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޯވިޑްގެ ދުވސްވަރު ގިނަ ކަންތައްތަކެއް އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވުން، އެއީ ޤައުމަށް ޓެކްނޮލޮޖީގެ މުހިންމުކަން ހާމަވާ ހެއްކެއްގެ ގޮތުގައި އެމަނިކުފާނުގެ ވާހަކަފުޅުގައިވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން އެއްގޮތް ނެތިއްޔާ އަނެއްގޮތްވެސް ހޯދައިގެން ކުންފުނިތައްވެސް ހިންގީ، ޤައުމުވެސް ހިންގީ، ސްކޫލްތަކުގެ ކިޔެވުން ވެސް ހިންގީ، އެ ނޫން ކަންތައްތައްވެސް، އޮންލައިން ކޮންސަލްޓޭޝަންސްވެސް ހިންގީ އޮންލައިންކޮށް" ނާއިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައި، ޓެކްނޮލޮޖީގެ ވަސީލަތްތައް އެހާ ބޭނުންތެރި ޒަމާނެއްގައި ޙިދުމަތް ދޭން ތިބޭ ފަރާތްތަކުން އެކަން ރަނގަޅަށް ނުކުރާކަމުގައި ވަނީ ނަމަ އޭގެ މާބޮޑު ބޭނުމެއް ނެތްކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރަނގަޅު ޙިދުމަތް ފޯރުކުރުމަށްޓަކައި ކަންކަން ރަނގަޅަށް ތަރުތީބުކޮށް، އެކަމަށް އިސްކަންދީގެން ޙިދުމަތް ފޯރުކުރުމަށް ވަނީ ވިދާޅުވެފައެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކުދިންނާއި މުޙާތަބުކޮށް ނާއިބު ރައީސް ވަނީ ރަނގަޅު މަސައްކަތްކުރާނެ ބަޔަކު ބިނާވެގެން ނޫނީ ރަނގަޅު ޙިދުމަތްތަކެއް ފޯރުކޮށްނުދެވޭނެކަމަށް ވިދާޅުވެފައެވެ.

" ކޮންމެ ކުއްޖަކުވެސް ވާންވީ ވަރަށް ތަފާތު މީހަކަށް. މަސައްކަތް ކޮއްފިކަމުގައި ވާނަމަ އެއީ ކުރެވޭ ކަންތައްތައް. އެ ހިތްވަރާ، ކޮމިޓްމަންޓާ، ކޮންސިސްޓަންސީ އެއީ އަޅުގަނޑުމެން ކާމިޔާބަށް ދިއުމަށްޓަކައި ހުންނަންޖެހޭ ކަންތައްތައް" ނާއިބު ރައީސް ވިދާޅުވިއެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދުގެ ވިދާޅުވީ މި ޕްރޮގްރާމް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ 8 ސެންޓަރެއްގައި ހިންގާކަމަށެވެ. އޭގެ އިތުރުން މި ޕްރޮގްރާމް އެ ކުންފުނިން ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ނެރުންކަމުގައި ވެސް ވިދާޅުވިއެވެ.

މި ޕްރޮގްރާމް ނިންމާ ގިނަ ޒުވާނުން ދިރާގުގެ އިތުރުން ރާއްޖޭގެ އެކި ކުންފުނިތަކުގައި ވަޒީފާތައް ކާމިޔާބުކަމާއެކު އަންނަނީ އަދާކުރަމުންނެވެ. މިއީ އެ ޕްރޮގްރާމްގެ ކާމިޔާބުކަން ރަމްޒުކޮށްދޭ ހެއްކެއްގެ ގޮތުގައި ސީއީއޯ ވަނީ ފާހަގަކުރައްވާފައެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގާފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އަދި ފޯމަލް ޓްރެއިނިންގ އަދި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތުވެސް ކުދިންނަށް ފޯރުކޮށްދިނެވެ.

މި ޕްރޮގްރާމުގައި ދިރާގުގެ ވަރަށް ގިނަ ދާއިރާތަކުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ސޭލްސް، މާކެޓިންގ، ފައިނޭންސް، ނެޓްވޯރކްސް، ކަސްޓަމަރ ސޮލިއުޝަންސް އަދި ހިއުމަން ރިސޯސަސް ހިމެނެއެވެ.