ކުޅިވަރު

ޔޫތު ޗެންޕިއަންޝިޕަށް މަހިބަދޫ އާއި އޭދަފުށިން ޝައުގުވެރިކަން ފާޅުކޮށްފި


މިއަންނަ ސީޒަންގެ ޔޫތު ޗެންޕިއަންޝިޕްގައި ބައިވެރިވުމަށް އަތޮޅު ތެރޭގޭ ދެ ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. އަންނަ ސީޒަންގެ ޔޫތު ޗެންޕިއަންޝިޕްގައި ވާދަކުރުމަށް ފުރުސަތު ދޭން ނިންމާފައިވަނީ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީމުތަކަށެވެ. ނަމަވެސް އަތޮޅު ތެރެއިން ދެ ޓީމަކަށްވެސް އެފްއޭއެމުން ވަނީ ޔޫތު ޗެންޕިއަންޝިޕްގައި ފުރުސަތު ދޭން ނިންމާފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް އދ.މަހިބަދޫ އާއި ބ.އޭދަފުށިން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އަޙުމަދު ޝަރީފް (ޑުންގާ) ވިދާޅުވީ ޔޫތު ޗެންޕިއަންޝިޕްގައި ބައިވެރިވުމަށް މަހިބަދޫ އާއި އޭދަފުށިން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އަޙުމަދު ޝަރީފް ވިދާޅުވީ އަތޮޅު ތެރެއިން ދެ ޓީމަށް ފުރުސަތު ދޭން ނިންމާފައިވާކަމަށާއި ނަމަވެސް އަދި އެކަން ފައިނަލް ނުކުރާކަމަށެވެ. އެފްއޭއެމުން އަބަދުވެސް އަތޮޅު ތެރޭގެ ޓީމްތަކަށް ފުރުސަތުދީގެން ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރެއެވެ. މިއަންނަ އަހަރުގެ ޖެނުއަރީ 24ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރެވޭނީ 19 އަހަރުން ދަށުގެ ކުޅުންތެރިންނަށެވެ.

ޔޫތު ޗެންޕިއަންޝިޕަކީ ގައުމީ ޖޫނިއަރ ޓީމްތަކަށް އަބަދުވެސް ކުދިން ހޮވުމަށް ކުރިއަށްގެންދާ ވަރަށް މުހިންމު މުބާރާތެކެވެ. މިހާރުވެސް ގައުމީ ޓީމުތަކުގައި އަތޮޅުގެ ރަށްރަށަށް ނިސްބަތްވާ ގިނަ ކުޅުންތެރިން ހިމެނެއެވެ. ކޯވިޑް-19އާއި ގުޅިގެން މިދިޔަ އަހަރު ޔޫތު ޗެންޕިއަންޝިޕް ބޭއްވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން ބޭއްވި ޔޫތު ޗެންޕިއަންޝިޕް ކާމިޔާބުކޮށްފައިވަނީ ކުލަބް އީގަލްސްއެވެ. އީގަލްސްއަކީ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމްއެވެ. ކުލަބް އީގަލްސްގެ ޔޫތް ޓީމުންވަނީ ޔޫތް ޗެންޕިއަންޝިޕް 4 ފަހަރު ކާމިޔާބުކޮށްފައެވެ.