ޚަބަރު

ނޭދެވޭ ޢަމަލުތައް ހުއްޓާލައިގެން ނޫނީ މަގުމަތި އަމާނެއް ނުވާނެ: ނައިބު ރައީސް


މަގުމަތި ބެލެހެއްޓުމުގައި ކިތަންމެ ގިނަ ފުލުހުން ހަރަކާތްތެރިވީ ނަމަވެސް މަގުމަތީގެ އަމާންކަން ކަށަވަރުކުރެވޭނީ މަގުމަތި ބޭނުންކުރާ ހުރިހާ މީހުންގެ ކިބައިންވެސް ފެންނަ ނޭދެވޭ ޢަމަލުތައް އިސްލާޙުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ޓްރެފިކް މޮނީޓަރސް ތަމްރީން ކުރުމުގެ މިއަހަރުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކިތަންމެ ކުޑަ ނަމަވެސް ރާއްޖޭގައި ހިނގާ އެކްސިޑެންޓުތަކަކީ ނުރައްކާތެރި އަދި ބޮޑެތި އެކްސިޑެންޓުތައް ކަމަށެވެ.

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރިކުރުވުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޓްރެފިކް މޮނީޓަރސް ތަމްރީން ކުރުމުގެ މިއަހަރުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ މަގުމައްޗަކީ އެންމެންގެ ތަނަކަށްވާއިރު އެތަނުގެ އަމާންކަން ބެލެހެއްޓުމަކީ ވަކިބައެއްގެ ޒިންމާއެއް ނޫންކަމަށެވެ. އަދި މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް ކިތަންމެ ބައިވަރު ފުލުހުންނެއްވެސް ނެރެވިދާނެކަމަށެވެ. ނަމަވެސް އެއިން ނަތީޖާއެއް ނުކުންނާނީ މަގު ބޭނުންކުރާ އެންމެންގެ ފަރާތުން ފެންނަމުންދާ ނޭދެވޭ ޢަމަލުތައް ހުއްޓާލައިގެންކަމަށެވެ. ނައިބު ރައީސްވަނީ މާލޭގެ މަގުތަކުން ފެންނަ ބައެއް ނޭދެވޭ ޢަމަލުތަކުން މިސާލު ނަންގަވާ އެކަންކަން އިސްލާޙުކުރުމަށް އެންމެން ވާހަކަދައްކާ ހައްލަކާ ހަމައަށް ދާންޖެހޭކަން ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީ ވިދާޅުވީ ސްކޫލް މާޙައުލަކީ ދަރިވަރުން މުޖުތަމަޢަށް ނުކުތުމަށް ބޭނުންވާ ހުރިހާ ކަމެއް ދަސްކުރާ ތަނަކަށް ބަދަލުވަމުންދާ މަންޒަރު މިއަދު ފެންނަމުންދާކަމަށެވެ. އެގޮތުން މަގުމަތީގެ ގަވާއިދުތަކަށް ބޯލަނބާ މަގުމަތި އަމާންތަނަކަށް ހެދުމަށް ޓްރެފިކް ފުލުހުންނާއެކު ދަރިވަރުން ތެދުވުމަކީ އޭގެ ހެޔޮ ނަތީޖާ މުސްތަޤުބަލުގައި ފެންނާނެކަމެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ރާއްޖޭގެ މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށެވެ. އަދި އަލަށް ޢަމަލުކުރަންފެށި ފުލުހުންގެ ޤާނޫނާއެކު ފުލުހުންގެ ޓްރެފިކް ވިންގ އެކުލަވާލާ މިމަސައްކަތް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާވާނެކަމަށް ސީޕީ ވިދާޅުވިއެވެ.

ޓްރެފިކް މޮނީޓަރސް ތަމްރީންކުރުމަށް މިއަހަރު ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ތެރެއިން އަލް މަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއާއި ރެހެންދި ސްކޫލާއި އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލުގެ ދަރިވަރުން ހިމެނޭހެން ޖުމްލަ 88 ދަރިވަރުންވަނީ ތަމްރީނުކޮށްފައެވެ. މީގެ ދަށުން މަގުމަތީގެ ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމާއި ސްކޫލްގަޑިތަކުގައި ސްކޫލް ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުންނާއެކު މަސައްކަތްކުރުމަށް ބޭނުންވާ ތަމްރީނު ކުދިންނަށް ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން މަގުމަތީގައި އުޅުމުގައި މުޢާމަލާތު ކުރާނެގޮތާއި ނުރައްކަލެއް ކުރިމަތިވާ ޙާލަތެއްގައި އަމިއްލަ ރައްކަލަށް ބޭނުންކުރެވޭނެ އުކުޅުތައްވަނީ ދަސްކޮށްދީފައެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން 2014 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މިޕްރޮގްރާމްގެ ތެރެއިން މާލެއާއި އަތޮޅުތެރެއިން 1450 ދަރިވަރަކު މިހާތަނަށްވަނީ ތަމްރީނުކޮށްފައެވެ.