މ.ކޮޅުފުއްޓަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށް އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ އެއް އަހަރުތެރޭގައި ނިންމާ ގޮތަށެވެ.
ކޮޅުފުއްޓަކީވެސް ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްގޮތަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެކެވެ. ހާހެއްހާ މީހުން ދިރިއުޅޭ މ.ކޮޅުފުއްޓަށް ކުރިމަތިވެފައިވާ މިމައްސަލަ ޙައްލުކުރުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ޙަވާލުކޮށްފައިވަނީ 22.9 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
އެއް އަހަރުތެރޭގައި ނިންމުމަށް އެއްބަސްވެ ޙަވާލުކުރި މިމަސައްކަތުގެ ދަށުން ކޮޅުފުށީގެ އިރުއުތުރު ފަރާތުގައި 136.6 މީޓަރުގެ ރިވެޓްމެންޓަކާއި ރަށުގެ ދެކުނު ފަރާތުގައި 382.2 މީޓަރުގެ ރިވެޓްމެންޓެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2 ބްރޭކްވޯޓަރ ޤާއިމުކޮށް ރަށުގެ ދެކުނު ފަރާތުން ގިރާ ސަރަޙައްދަށް ވެލިއެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 30 މީޓަރު ފުޅާ 60 މީޓަރު ދިގު ދެ ސަރަޙައްދު ފުންކޮށް ޢާއްމުން މޫދަށް އެރޭ ސަރަޙައްދުގެ ގޮތުގައި ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިމަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ ޙާމިދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އެއަރޕޯޓު ތަރައްޤީކުރުމާއި ބިންހިއްކުމާއި ބަނދަރު ހެދުމާއި ޒަމާނީ ފެންވަރަށް ރަށްރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ހިމެނެއެވެ.