ޚަބަރު

އިތުރު 100،000 ޑޯޒް ފައިޒަރ ވެކްސިން ގެންނަނީ


ކޯވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ "ބޫސްޓާ ޑޯޒް" ޖެހުމަށް އިތުރު 100،000 ވެކްސިން ޑޯޒް އަންނަ މަހު ރާއްޖެ ގެންނާނެ ކަމަށް އެޗްއޯސީން ވިދާޅުވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޑރ.ނަޒްލާ ރަފީގް ވިދާޅުވީ ބޫސްޓާ ޑޯޒް ޖެހުމަށް މިވަގުތު ޚާއްސަކޮށްފައިވާ މީހުނަށް ވެކްސިން ޖެހޭ މިންވަރަށް ފައިޒާ ވެކްސިން އެބަހުރިކަމަށެވެ. ޢާއްމުކޮށް ބޫސްޓާ ޑޯޒް ދިނުމުގެ ގޮތުން އަންނަ މަހުގެ މެދުތެރޭގައި 100،000 ޑޯޒް ފައިޒާ ވެކްސިން ގެންނާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަންނަ މަހު ގެންނަ ވެކްސިނަކީ ކޮވިކްސް މެދުވެރިކޮށް ގެންނަ ވެކްސިންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ޖަހަން ފަށާފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެނެވެ. އެއީ ޢުމުރުން 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި އިސް ސަފުގައި މަސައްކަތްކުރާ ސިއްހީ މުވައްޒަފުންނަށް އެކަންޏެވެ. އަދި މިހާރުން ދަނީ ޢުމުރުން 50 އަހަރުން މަތީގެ މީހުނަށްވެސް ބޫސްޓަރ ޑޯޒް ޖަހަމުންނެވެ. އަންނަމަހުން ފެށިގެން އާއްމުންނަށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ޖެހުމަށް ވަނީ ނިންމާފައެވެ.

ރާއްޖެއިން މިހާތަނަށް ގިނަބަޔަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވެއެވެ. 3ވަނަ ޑޯޒް، 1100 އަށްވުރެ ގިނަ މީހުން ވަނީ ޖަހާފައެވެ.