ކުޅިވަރު

ޓްރިވެންޑްރަމްގައި ތިބި ދިވެހިން މާދަމާ މެޗަށް ތައްޔާރު


ސާފް ސުޒުކީ ކަޕްގައި މާދަމާ ރާއްޖެ
ބަނގްލަދޭޝްއާއި ދެކޮޅަށް ކުޅޭ މެޗަށްވެސް ޓްރިވެންޑްރަމްގައި ތިބި ދިވެހިން
ތައްޔާރުވެއްޖެއެވެ. ފުރަތަމަ މެޗުގައި ބޫޓާން އަތުން މޮޅުވުމުން ދިވެހިންގެ
އުއްމީދުތައް ވަނީ ބޮޑުވެފައެވެ. މިވަގުތު ބޭސްފަރުވާއާއި އެހެނިހެން
ބޭނުންތަކަށްވެސް އެތައްސަތޭކަ ދިވެހިންނެއް ޓްރިވެންޑްރަމްގައި އެބަތިއްބެވެ.



ޓްރިވެންޑްރަމް މަގުތަކުން ދިމާވި ދިވެހިން ބުނީ
މެޗު ބަލަން ދާނެކަމަށާއި، ޓީމާއި މެދު ޔަޤީންކަން އެބައޮތްކަމަށެވެ. އަދި
އަބަދުވެސް ދިވެހި ޓީމަށް އިތުބާރުކުރާކަމަށެވެ.



" މާދަމާ ދަނޑަށްދާނަން. ވަރަށް ޔަޤީންކަން
އެބައޮތް މާދަމާވެސް މޮޅުވާނެކަމުގެ. ދިހަވަރަކަށް މީހުންގެ ގްރޫޕަކުން ދާނަން.
އެކޮޅުން ( މާލެއިން ) އައިއިރު އައީ ހުރިހާ އެއްޗެސް ހިފައިގެން ދޯ. ރަތް
ޖަރޒީއާއި އެއްޗިހި. " މަހާމަހަލް ހޮޓަލްގައި ސައިބޯން އިން މީހަކު
ކުރިމަތީގައި އިން އޭނާގެ ރަހުމަތްތެރިޔާއަށް ދޯ ދެމުން ބުންޏެވެ.



" އިއްޔެ ސްކޯވެސް ވަރަށް ރަނގަޅު.
ދަނޑަށްދާން ހަމަ ރެޑީ. މިހާރު ޓިކެޓާއި އެއްޗިހިވެސް ނަގައިފިން. ހަވަރަކަށް
މީހުން ދާނެ. ޓީމް މޮޅޫވާނެ. " މެޑިކަލް ކޮލެޖް ޞަރަހައްދުން ދިމާވި 13
ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ބުންޏެވެ.



ޓްރިވެންޑަރަމަށް މިވަގުތު އައިސްތިބި
އަންހެނުންވެސް ތިބީ ވަރަށް ފޯރީގައި ޓީމަށް ހިތްވަރުދިނުމަށް ދަނޑަށްދާން
ތައްޔާރުވެގެންނެވެ.



" ދަނޑަށްދާނަން. ދަނޑަށްދާން ޖެހޭނެއްނުންދޯ.
ހަމަ ޔަޤީންކަން އެބައޮތް މޮޅުވާނެކަން. ގޭގަވެސް އެންމެން ވަރަށް ތައްޔާރުވޭ.
" މަހާމަހަލް ހޮޓާ ކުރިމަތިން ދިމާވި ދިވެހި އަންހެނަކު ބުންޏެވެ.



" ދަނޑަށް އަޅުގަނޑަކަށް ނުދެވޭނެ. އަޅުގަނޑު
މާދަމާ ފުރަން. ދަނޑަށް ނުދެވޭތީ ވަރަށް ދެރަ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ
ޓީމަށް ވަރަށް ޝުކުރު ދަންނަވަން، ވަރަށް ހިތްވަރުދެން. " މަގުމަތިން ދިމާވި
ދަތުރަށް ތައްޔާރުވަމުން ދިޔަ ދިވެއްސަކު ބުންޏެވެ.



ބޫޓާން އަތުން ރާއްޖެ މޮޅުވި މެޗުގައި ދިވެހި
ސަޕޯޓަރުން ފެނުނީ ސްޓޭޑިއަމްގެ އެކި ދިމާލުންނެވެ. ބައެއް ދިވެހިން މިއދު ބުނީ
އެންމެން އެއްދިމާލަކަށް ދާންޖެހޭކަމަށާއި، އެކަން އިންތިޒާމްކުރަން ޖެހޭކަމަށެވެ.
ޓިކެޓް ލިބުމުގައި އެރި އޮޅުންތަކެއްގެ ސަބަބުން އުއްމީދުކުރިވަރަށް އިއްޔެ
ސަޕޯޓަރުން ސްޓޭޑިއަމްއަށް ގޮސްފައި ނުވިނަމަވެސް އެކަން މާދަމާގެ މެޗުގައި
ތަފާތުވާނެކަމަށް ބެލެވެއެވެ. ޓިކެޓް ފޯރުކޮށްދިނުމުގައިވެސް އިތުރަށް
ސަމާލުވާނެކަމަށް ކޮންސިއުލޭޓުން ވަނީ ބުނެފައެވެ.



" މާދަމާ ދަނޑުގެ އެކި ގޭޓްތަކުންވެސް ޓިކެޓް
ދޫކުރާނަން. ޓިކެޓް ލިބޭނީ ކިހާވަރަކަށްކަން ދަންނަވާކަށް ނޭންގޭ. ބޫޓން މެޗުގައި
ފަނަރަސަތޭކައެއްހާ ޓިކެޓް ހިލޭ ބެހިން. " ޓްރިވެންޑްރަމްގައި ހުންނަ ދިވެހ
ކޮންސިއުލޭޓްގެ ކޮންސިއުލް އަލީ އާދަމް ވިދާޅުވިއެވެ.



އެންމެ
ބުއްދިވެރިގޮތަކީ ހިލޭ ޓިކެޓް ލިބޭނެކަމަށް ނުބަލައި، ދުރާލައި ޓިކެޓް ގަތުމެވެ.
ޓިކެޓްގެ އަގުތައް ހުރީ 100 ރުޕީސްއާއި 750 ރުޕީސްއާއި ދެމެދުގައެވެ.