ވިޔަފާރި

ތުރުކީގައި ރާއްޖޭގެ ހަލާލް ފަތުރުވެރިކަން ޕްރޮމޯޓު ކުރަނީ!


އޯގަނޭޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ، ޙަލާލް އެކްސްޕޯގައި މޯލްޑިވްސް ޙަލާލް ޓްރެވެލްއިން ރާއްޖެ ތަމްސީލުކޮށް އިސްތިހާރު ކޮށްފިއެވެ.

ތުރުކީގެ އިސްތަންބޫލް ކޮންގްރެސް ސެންޓަރުގައި މިމަހުގެ 25އިން 28އަށް ކުރިއަށްދާ މި އެކްސްޕޯ އަކީ އޯއައިސީގެ 8ވަނަ ޙަލާލް އެކްސްޕޯއެވެ. މިއީ މިވަގުތު ކުރިއަށްދާ ވޯލްޑް ޙަލާލް ސަމިޓުގެ ބައެއްގެ ގޮތުގައި ކުރިއަށްދާ އެކްސްޕޯއެކެވެ. މިއެކްސްޕޯ ތެރެއިން ވޯކްޝޮޕްތަކުގެ އިތުރު ހަވާސާގައި އިތުރު ހަރަކާތްތަށް ކުރިއަށްދާނެއެވެ. އަދި ބީޓުބީ ބައްދަލުންތަކާއި އެގްޒިބިޓަރުންގެ ޕްރޮޑަކްޓުތަށް އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިފަހަރު އެކްސްޕޯގައިވެސް، ތަފާތު ގިނަ ބާވައްތަކުގެ ވިޔަފާރިތައް ދައްކާލާނެއެވެ. 25 ޤައުމަކުން މި އެކްސްޕޯގައި ބައިވެރިވެއެވެ. 3 ދުވަހުގެ ތެރޭގައި 35،000 މީހުން އެކްސްޕޯއަށް ޒިޔާރާތް ކުރާނެކަމަށް ބެލެވެއެވެ.

މިފަހަރުގެ އެކްސްޕޯ ތެރޭގައި ހަލާލް ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތަކާއި، އިސްލާމިކް ފައިނޭންސާއި، އިސްލާމިކް ޓެކްސްޓައިލް، މޮޑެސްޓު ފެޝަންގެ އިތުރުން ކޮސްމެޓިކްސް އަދި ޕާސަނަލް ކެއަރގެ ތަކެއްޗާއި ކާބޯތަކެތި ދައްކާލާނެއެވެ.

ޓުއަރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީގެ އެހީތެރިކަމާއެކު މޯލްޑިވްސް ހަލާލް ޓްރެވެލްސްއިން ދަނީ ރާއްޖޭގައި ޙަލާލު ފަތުރުވެރިކަން ތަޢާރަފުކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތެކެއް ކުރަމުންނެވެ.

މޯލްޑިވްސް ހަލާލް ޓްރެވަލްއަކީ މިއަހަރު ދުބާއީގައި ބޭއްވި އަރަބި ޓްރެވެލް މާކެޓުގައި ލޯންޗުކުރި ޓްރެވެލް އޭޖެންސީއެކެވެ. މިއީ ޓުއަރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއްރްސީގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ތަޢާރަފުކުރި ކުންފުންޏެކެވެ. މިކުންފުނީގެ އަމާޒަކީ ހަލާލް ފަތުރުވެރިކަން ތަރައްޤީކޮށް، މިދާއިރާގެ ތެރޭގައި ބޭރު ދުނިޔޭގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް އެކި މަސައްކަތް ކުރުމެވެ.