ކުޅިވަރު

ޕޮލިސް ކުލަބާއި އުރީދޫއިން މުބާރާތުގެ ދެވަނަ ބުރާ ގާތަށް


ކުލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗްތަށް ކާމިޔާބުކޮށް ޕޮލިސް ކުލަބް އާއި އުރީދޫއިން މުބާރާތުގެ ދެވަނަ ބުރާއި ގާތަށް ޖެހިލައިފި. ރެހެންދި ފުޓްސަލް ދެ ދަނޑުގައި ރޭ ކުޅުނު މެޗް ޕޮލިސް ކުލަބް ކާމިޔާބުކޮށްފައިވަނީ ޓްރޭޑް ކުލަބްއާއި ވާދަކޮށް 4 ލަނޑު 2 ލަނޑުން މެޗް ކާމިޔާބުކޮށްފަ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެފައިވަނީ ޓްރޭޑް ކުލަބުންނެވެ. އެގޮތުން އެޓީމުންވަނީ މެޗް ފުރަތަމަ ހާފްގައި ދެ ގޯލް ޖަހާފަ. މިދެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ސައިފާން އަޙުމަދު މަނިކާއި ޖުމައިލް ޖަލީލެވެ. ޓްރޭޑް ކުލަބުން މެޗުގައި ލީޑް ނެގުމާއެކު ޕޮލިސްހުން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެން ފަށާފައެވެ. އެގޮތުން އެޓީމުންވަނީ ޓްރޭޑް ކުލަބަށް ރަގަނޅު ހަމަލާއެއް ތަނަވެސް ކުރިޔަނުދީ ހިފަހައްޓާފައެވެ. މެޗުގެ ޕޮލިސް ކުލަބުގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޢަލީ ރިޝްވާން އަޙުމަދާއި މުޙައްމަދު ޝިފާނެވެ. މީގެއިން ކޮންމެ ކުޅުންތެރިއެއްވެސް ވަނީ ދެ ގޯލް ޖަހާފައެވެ. މެޗްގައި ޕޮލިސް ކްލަބަށް ފަސް ފައުލް ހަމަވުމުން ޓްރޭޑް ކުލަބަށް ދުރު ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް އެޓީމަށް އެޕެނަލްޓީ ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މިމެޗް ކާމިޔާބުކުރުމާއެކު ޕޮލިސް ކުލަބްވަނީ އެޓީމް ކުޅުނު ދެ މެޗްވެސް ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދާފައެވެ. ޕޮލިސް ކުލަބް އޮތް ގުރޫޕް ބީގެ ދެވަނައިގައި އޮތީ ޓްރޭޑް ކުލަބެވެ. އެޓީމަށް ލިބިފައިވަނީ ދެ މެޗުން 3 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ހުޅުމާލެ ހޮސްޕިޓަލާއި ހަތަރެއްގައި އޮތް އެލައިޑު އެއް މެޗު ކުޅުނުއިރު، މިދެ ޓީމަށްވެސް އަދި ޕޮއިންޓެއް ނުލިބެއެވެ. ރޭ އުރީދޫއިންވަނީ މީޑިޔާ ނެޓްގެ މައްޗަށް 2 ލަނޑު 1 ލަނޑުން ކުރި ހޯދާފައެވެ. ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އުރީދޫއިން ޖެހި ދެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން އާތިފެވެ. މީޑިޔާ ނެޓުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޫސާ އަޒީމް ހަސަނެވެ. އުރީދޫ ވަނީ ފުރަތަމަ މެޗުން ކަސްޓަމްސް ބަލިކޮށްފައެވެ. ރޭ މީޑިއާނެޓް އަތުން ހޯދި މޮޅާއެކު އުރީދޫ ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދި މީޑިއާނެޓެވެ. ތިން ވަނައިގައި އޮތް އެމްއޭސީއެލް އާއި ހަތަރު ވަނައިގައި އޮތް ކަސްޓަމްސް އެއް މެޗު ކުޅުނުއިރު، އަދި ޕޮއިންޓެއް ނުލިބެއެވެ.

މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗްތަކުގައި ވެމްކޯ އަތުން ބަލިވި ސްޓެލްކޯ އިން ރޭ ވަނީ 2 ލަނޑު 1 ލަނޑުން ސިޓީ ކައުންސިލް ބަލިކޮށްފައެވެ. ސިޓީ ކައުންސިލް ވަނީ ފުރަތަމަ މެޗުގައި ޔޫތު މިނިސްޓްރީގެ މައްޗަށް ކުރިހޯދައިފައެވެ. ސްޓެލްކޯ އާއި މާލެ ސިޓީ ކައުންސިލް ބައްދަލުކުރި މެޗްގައި ސްޓެލްކޯގެ ގޯލްތައް އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއީލް ނަސީމާއި އަޙުމަދު ޖައިލަމެވެ. ސިޓީ ކައުންސިލުން ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން އަހުސާމް މޫސާއެވެ. ގްރޫޕް ސީގައި ވެމްކޯ، ސިޓީ ކައުންސިލް އަދި ސްޓެލްކޯ ކޮންމެ ޓީމަކުން ތިން ޕޮއިންޓް ހޯދާފައިވާއިރު، ޔޫތު މިނިސްޓްރީއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ރޭ އެމްޓީސީސީވަނީ މޯލްޑިވް ގޭސްގެ މައްޗަށް 3 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ. އެސްޓީއޯގެ ގޯލުތައް ޖެހީ ޢަލީ ނާފިއު އާއި ހުސެއިން ޢަލީ އާއި ހަސަން މިފްރާހެވެ. މިމުބާރާތުގެ ކުޅުން މާދަމާރޭވެސް ކުރިއަށްދާނެއެވެ.