ވިޔަފާރި

ބަލްކަންގެ ފަތުރުވެރިން ރާއްޖެ އައުން އިތުރުކުރުމަށް ޚާއްސަ ކެމްޕެއިނެއް


ބަލްކަން ރީޖަންގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް އެމްއެމްޕީއާރުސީން ޚާއްސަ ކެމްޕެއިންތަކެއް ފަށައިފިއެވެ.

މޯލްޑިވްސް މަރކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، (އެމްއެމްޕީއާރުސީ)އިން ވިދާޅުވީ މިއީ 6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކެމްޕެއިނެއް ކަމަށެވެ. އެގޮތުން މި ކެމްޕެއިންތަށް ކުރިއަށް ދާނީ މިއަހަރުގެ ނޮވެމްބަރުމަހުގެ ފެށިގެން އަންނަ އަހަރުގެ މާޗުމަހުގެ ނިޔަލަށެވެ.

މި ކެމްޕެއިންތަކުގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ހަންގޭރީ، ސްލޮވޭކިއާ، ކްރޮއޭޭޝިއާ، ސަރބިއާ އަދި ރޮމޭނިއާގައެވެ. އެމްއެމްޕީއާރުސީން ވިދާޅުވީ މި މާރކެޓުތަކުން ރާއްޖެ އަންނަ ފަތުރުވެރުވެރިންގެ އަދަދާއި، ރާއްޖެއަށް މި މަންޒިލްތަކުން ލިބޭ ތަރުހީބަށް ބަލާއިރު މިއީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއަށް ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ އުންމީދީ މާކެޓްތަކެއް ކަމަށެވެ.

ކޯވިޑަށް ފަހު މި މާކެޓްތައް މިހާރު ބައިނަލްއަޤްވާމީ ދަތުރުފަތުރަށް ހުޅުވާލާފައިވާއިރު، މި ދަނޑިވަޅުގައި މިފަދަ ކެމްޕެއިންތައް ހިންގުމުން މި މާކެޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް އިތުުރުވާނެ ކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.

މި ކެމްޕެއިންތަކުގެ ދަށުން ހަންގޭރީގައި އައުޓްޑޯ އެޑްވަޓައިޒިން ހަރަކާތްތަކަކާއި، ވާޗުއަލް އިވެންޓުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މާކެޓްތަކުން މީޑިއާ އަދި އިންފްލުއެންސަރުން ފެމިލިއަރައިޒޭޝަން ދަތުރުތަކުގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

މި ކެމްޕެއިންތަކުގެ ޒަރިއްޔާއިން ރާއްޖެއަކީ ބަލްކަން ރީޖަންގެ ޤައުމުތަކުގެ ޤައުމުތކުގެ ފަތުރުވެރިން ދަތުރު ކުރުމަށް އެންމެ ރައްކާތެރި އަދި އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރާނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

މިއީ ބަލްކަން ރީޖަންގައި ރާއްޖެ މާކެޓްކުރުމަށް އެމްއެމްޕީއާރުސީން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ހިންގާ ކެމްޕެއިންތަކެކެވެ. މި ސްޓްރެޓަޖީގެ މަޤްސަދަކީ ބަލްކަން ޤައުމުތަކުގެ ފަތުރުވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖޭގެ ރިސޯޓު، ހޮޓެލް، ގެސްޓުހައުސް އަދި ސަފާރީތައް އިސްތިހާރުކުރުމާއި، ރާއްޖެއިން ލިބެން ހުރި ފަތުރުވެރިކަމުގެ ޚިދުމަތްތައް ޕްރޮމޯޓުކުރުން ކަމަށް އެމްއެމްޕީއާސީން ވިދާޅުވެއެވެ.