ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ސަޢޫދީ ރަސްގެފާނަށް ތައުޒިޔާ ވިދާޅުވެއްޖެ


ސަޢޫދީ ޢަރަބިއްޔާގެ ޖަޒާން ޖެނެރަލް
ހޮސްޕިޓަލްގެ އައި.ސީ.ޔޫއާއި މެޓާރނިޓީ ޑިޕާޓްމަންޓުގައި ހިނގި އަލިފާނުގެ
ޙާދިޘާގައި، ‏އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން،
އެކަމުގެ ހިތާމައިގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް
އާލް ސަޢުދަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތައުޒިޔާގެ
މެސެޖެއް ފޮނުއްވައިފިއެވެ.



ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި،
ސަޢޫދީ ޢަރަބިއްޔާގެ ޖަޒާން ޖެނެރަލް ހޮސްޕިޓަލްގެ އައި.ސީ.ޔޫއާއި މެޓާރނިޓީ
ޑިޕާޓްމަންޓުގައި ހިނގި އަލިފާނުގެ ޙާދިޘާގެ ޚަބަރު އެއްސެވީ ވަރަށް ފުން
ހިތާމައާއެކު ކަމުގައި ވިދާޅުވެ، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ
އަމިއްލަ ނަންފުޅުގައި، މި ޙާދިޘާގައި ގެއްލުން ލިބުނު ހުރިހާ ފަރާތްތަކަށް
އިޚްލާޞްތެރި ހަމްދަރުދީ ފޮނުއްވާފައިވެއެވެ.



އަދި މި ޙާދިޘާގައި ނިޔާވި ފަރާތްތަކުގެ
ޢާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ
މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.