ޚަބަރު

ސެންޓާރާގެ އާ ރިސޯޓުގައި ހިމެނޭ ރަށްތަކުގެ ބިން ހިއްކައި ނިމިއްޖެ


ބިން ހިއްކައިގެން ތަރައްޤީކުރާ ސެންޓާރާގެ އާ ރިސޯޓުގައި ހިމެނޭ 3 ރަށުގެ ބިން ހިއްކުމުގެ މަސައްކަތްތައް މުޅިން ނިންމާލައިފިއެވެ. މި މަސައްކަތްތައް ނިންމާލާފައިވަނީ މިމަހުގެ 24ވަނަ ދުވަހުގައެވެ.

މި މަޝްރޫޢުގެ ދަށުން، ވައްޓަރުފަޅު ފަރުގައި އޮންނަ 3 އާރޓިފިޝަލް ރަށެއްގެ ބިން ވަނީ ހިއްކާފައެވެ.
މިއިން ކޮންމެ ރަށެއްގައި 7 ހެކްޓަރުގެ ސަރަހައްދެއް އޮވެއެވެ. ލެގޫން އެސެޓްސް ޕްރައިވެޓް ލިމިޓެޑުން، އެމްޓީސީސީއާ ހާވަކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ 29.26 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢަކީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ބައިނަލްއަޤްވާމީ ކްލައިންޓަކަށް ފުރިހަމަކޮށްދިން އަގުގެގޮތުން އެންމެ ބޮޑު މަޝްރޫޢުކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ރާއްޖޭގައި މިހާރުވެސް ހަތަރު ރިސޯޓެއް ހިންގަމުން އަންނަ ސެންޓާރާއިން މާލެ އަތޮޅުގެ ފަޅަކުން 3 ރަށެއް ހިއްކައިގެން ތަރައްޤީކުރާ މި ރިސޯޓުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. 2019ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8ވަނަ ދުވަހު ބެންކޮކްގައި ހުންނަ ސެންޓާރާގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ސެންޓާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އޭރުގެ ސީއީއޯ ހުސައިން ޝާހެވެ.

"ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސްގެ ރެކްލެމޭޝަން އޮފް 3 ޑިފަރެންޓް އައިލެންޑްސް" މަޝްރޫޢުގެ މަސައްކަތް ނިމުމުގެ ޚާއްސަ ރަސްމިއްޔާތެއްވެސް ވަނީ ބާއްވާފައެވެ. ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްގައި އޮތް މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ. މި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ އިސްވެރިންގެ އިތުރަށް ސެންޓާރާ ގްރޭންޑް އައިލެންޑް އެންޑް ސެންޓާރާ ރަށްފުށީގެ އޭރިއާ ޖެނެރަލް މެނޭޖަރ މިސް. ޕްރަޕައިޖިޓް ތޮންގްމާއާއި ، ނިރާސް އިންޓަރނޭޝަނަލް ކޮންސަލްޓިންގ ގެ ޑައިރެކްޓަރ އޮފް ޕޯޓްސް އެންޑް މެރިޓައިމް މރ.ޖެސްޕަރ ހާރޑަރއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.