ޚަބަރު

މައްސަލަތައް ދެނެ ގަނެ ހައްލުކުރުމަށް ބްރޯޑްކާސްޓަރސް ފޯރަމެއް

ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު އިސްލާޙުކުރުމަށް ބްރޯޑްކާސްޓަރުންގެ ލަފަޔާއި ޚިޔާލު ހޯދުމަށް ބްރޯޑްކާސްޓަރުންނާއި އެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަޝްވަރާކޮށްފިއެވެ. އެ ކޮމިޝަނުން މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ބްރޯޑްކާސްޓަރުން އަމާޒުކޮށް މިއަދު ކްރޮސްރޯޑްސްގައި ބޭއްވި “ބްރޯޑްކާސްޓަރސް ފޯރަމް”ގައެވެ.

ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް ދަޢުވަތުދީގެން ބޭއްވި މި ފޯރަމްގައި ވަނީ ބްރޯޑްކާސްޓަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލުހޯދުމަށް ކުރެވިދާނެ ކަންކަމާއި ބްރޯޑްކާސްޓިން ދާއިރާގެ ކުރިމަގާ މެދު މަޝްވަރާކޮށްފައެވެ. އަދި ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުންވެސް ބްރޯޑްކާސްޓަރުންގެ ޚިޔާލު ވަނީ ހޯދާފައެވެ.

ކޮމިޝަންގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ގޮތުން، އެ ކޮމިޝަންގެ ކުރިއަށް އޮތް އަހަރުގައި ކުރާނެ މަސައްކަތްތަކާއި ހިންގާނެ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ކޮމިޝަނުން ވަނީ ހުރިހާ ބްރޯޑްކާސްޓަރުންނަށް މި ފޯރަމްގެ ތެރެއިން ހިއްސާކޮށްފައެވެ.

މީގެ އިތުރުން، ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލައިފައިވާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު) އިސްލާޙުކުރުމަށް ބްރޯޑްކާސްޓަރުންގެ ލަފަޔާއި ޚިޔާލުވެސް ވަނީ ހުށައަޅާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ބޮރޮޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ މި ފޯރަމަގައި ރާއްޖޭގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބްރޮޑްކާސްޓުންގެ ތަރުޚީބު ލިބިގެންދިޔަކަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަރާތްތަކުން ހުށައެޅި ހިޔާލުތަކާ އެއްގޮތައް އަމަލުކޮށް ޕްރޮގްރާމްތައް ރަނގަޅު ކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނުކަމަށްވެސް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

2011 ވަނަ އަހަރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް، ބްރޯޑްކާސްޓްކުރުމަށް 52 ލައިސަންސް ކޮމިޝަނުން ދޫކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 13 ރޭޑިއޯ ޗެނަލާއި 39 ޓީވީ ޗެނަލް ލައިސަންސެވެ.