ކުޅިވަރު

ބަންގްލަދޭޝް ބަލިކޮށް، އަފްޤާނިސްތާން ގްރޫޕުގެ އެއްވަނައަށް


ސާފް ސުޒުކީ ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން އަފްޤާނިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު، ބޮޑު ތަފާތަކުން އަފްޤާނިސްތާނު ކާމިޔާބުކޮށްފިއެވެ. 

އަފްޤާނިސްތާން މިމެޗު ކާމިޔާބުކުރީ ހަތަރެއް ސުމެއްގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި
އަފްޢާނިސްތާނުން ތިން ގޯލް ކާމިޔާބުކުރިއެވެ. މި ތިން ގޯލް އެޓީމަށް ޖަހައިދިނީ
ޑިފެންޑާރ މަސިހް ސައިޣާނީ، ކެޕްޓަން ފައިސަލް ޝައެސްތޭ އަދި ޒުބޭރް އަމީރީއެވެ. 

އަފްޣާނިސްތާންގެ ފަހު ލަނޑު މެޗުގެ ދެވަަނަ ހާފްގައި ޖަހައިދިނީ ބަަދަލު ކުޅުންތެރިއެއްގެ
ގޮތުގައި ކުޅެން ނިކުތް ޚައިބަރު އަމާނީއެވެ. މިރޭގެ މޮޅާ އެކު އަފްޣާނިސްތާންވަނީ
ގްރޫޕް ބީގެ އެއްވަނައަށް ޖެހިލާފައެވެ. 

ދިވެހިރާއްޖެ އާއި އެޓީމަށް ތިން ޕޮއިންޓް
ލިބިފައިވާއިރު، އަފްގާނިސްތާން ކުރީގައި އޮތީ ފައިދާ ލަނޑުންނެވެ. އަފްޣާނިސްތާންގެ
ފައިދާ ހަތަރު ލަނޑު އޮތްއިރު ރާއްޖެ އަށް ލިބިފައިވަނީ ފައިދާ ދެ ލަނޑެވެ.