ދުނިޔޭގެ ވިޔަފާރި

ސެމްސަންގްގެ ޗިޕް އުފެއްދުމަށް އެމެރިކާގައި ކާރުޚާނާއެއް ހަދަނީ!


އެމެރިކާގެ ޓެކްސަސްގައި ސެމްސަން ކުންފުނީގެ ޗިޕް އުފައްދާ ކާރުޚާނާއެއް ހަދަން އެކުންފުނިން ނިންމައިފިއެވެ.

ސެމްސަންގެ މި ކާރުޚާނާ ހަދަނީ ޓެކްސަސްގެ އޮސްޓިން އަވަށުގެ ބޭރުގައެވެ. މިކާރުޚާނާ ހަދަން 17 ބިލިއަން ޑޮލަރު ހޭދަ ވާނެއެވެ. މިމަޝްރުޢޫގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށް އެކުންފުނިން ބުނެއެވެ. ކާރުޚާނާގެ މަސައްކަތް 2024ގެ ނިޔަލަށް ނިންމާލުމަށް އެކުންފުނިން ވަނީ އަމާޒު ހިފާފައެވެ.

ސެމްސަން ކުންފުނިން މިނިންމުން ނިންމާފައި މިވަނީ ދުނިޔޭގެ ކަންކޮޅުތަކުން ޗިޕްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައި ވަނިކޮށެވެ.

މިކަން ހާމަ ކުރައްވާ ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓު ވިދާޅުވީ މިއީ ޓެކްސަސް ސްޓޭޓަށް އަންނަ މިފަދަ އެންމެ ބޮޑު ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓު ކަމަށެވެ. މިކަމާގުޅޭ ގޮތުން ސެމްސަންގެ ވައިސް ޗެއާމަން ވިދާޅުވީ އެކުންފުނިން މިފަދަ ނިންމުމެއް ނިންމާފައިވަނީ ގިނަ ކަންކަމަށް ބެލުމަށް ފަހުކަމަށެވެ. އެގޮތުން ސަރުކާރުގެ ލުއި ފަސޭހަކަ ކަމާއި، މިކަން ކުރުމަށް އެއްބާރުލުން ދިނުމުގެ އިތުރުން، މިފަދަ ތަނެއް ޤާއިމުކުރުމަށް އުމްރާނީ ގޮތުން އެތަން ތައްޔާރުތޯ ބަލާފައިވާ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި އެލެކްޓްރޯނިކް ޑިވައިސްތައް އުފެއްދުމަށް ބޭނުންވާ ޗިޕް ލިބުމުގެ ދަތިތަށް ބޮޑަށް ފެށިގެން ދިޔައީ ކޯވިޑާއެކުއެވެ. އެގޮތުން ގިނަ ކާރުޚާނާތަކުގެ މަސައްކަތް ހުއްޓުމުން ބާޒާރުގައި ބޭނުންވާ ޗިޕް ލިބުމުގެ ދަތިތަކާ ކުރިމަތިވިއެވެ. މީގެ އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވީ އެމެރިކާއަށެވެ. އެމެރިކާގެ ކުންފުނިތަކަށް ބޭނުންވާ ގިނަ ޗިޕްތައް އަބަދުވެސް އެންމެ ގިނައިން ފޯރުކޮށްދެމުން އައީ ޓައިވާނުންނެވެ.

މިކަމާއި ގުޅިގެން ބައެއް ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި، މިހާރު ކުރިމަތިވެފައިވާ ދަތިކަން ފިލައި ހިނގައިދާނެ ކަމަށާއި، ނަމަވެސް ޓައިވާނަށް ދިގުމުއްދަތުގައި ޗިޕްތަށް ފޯރުކޮށްދިނުމަށް މިހާ ބޮޑަށް ބަރޯސާ ވުމަކީ ގެއްލުމަކަށް ވާނެ ކަމަށެވެ. އެމެރިކާއިން މިވަގުތު މިފަދަ މަޝްރޫޢުތަކަށް ފަސޭހައިން އާނ ބަސް ބުނާނެކަމަށް ގިނަ ތަޖުރިބާކާރުން ދެކެއެވެ. ސަބަަބަކީ އެމެރިކާގެ އިޤްތިޞާދު ކޮޅަށް ޖަހައި މިފަދަ ކާރުޚާނާތައް ޤާއިމުވުމުން ވަޒީފާތައް އުފެދިގެން ދާނެތީއެވެ.

ދެކުނުގެ ކޮރެއާއަށް ނިސްބަތްވާ ސެމްސަން ކުންފުނީގެ ޗިޕް ފަރުމާ ކުރާ ޕްލާންޓެއް ޓެކްސަސްގައި 1990ގެ އަހަރުތަކުން ފެށިގެންވެސް ހުރެއެވެ. ނަމަވެސް ކުންފުނީގެ އުފެއްދުންތެރިކަމުގެ ބޮޑުބައި އަބަދުވެސް އޮންނަނީ އޭޝިއާގެ ޤައުމުތަކުގައެވެ. ސެމްސަންގެ ކުންފުނިން އުފައްދާ މިޗިޕްތައް ފައިވް-ޖީ މުޢާމަލާތްތަކަށާއި އެކި ޒާތުގެ ކޮމްޕިއުޓަރުތަކަށް ބޭނުން ކުރެވޭނެއެވެ.

އެމެރިކާ އަކީ މީގެ ކުރީން ދުނިޔޭގެ ބާޒާރުގައި ސެމީ ކޮންޑަކްޓަރ ޗިޕް އުފެއްދުމުގެ ވިޔަފާރީގެ %37 ހިއްސާ ކުރި ޤައުމެކެވެ. ނަމަވެސް މިހާރު އެމެރިކާ މި ބާޒާރުގައި ހިއްސާ ކުރަނީ އެންމެ %12އެވެ.

އެމެރިކާ ސަރުކާރުން ދެކޭ ގޮތުގައި އެޤައުމުގެ ޗިޕް އުފެއްދުމުގެ ޤާބިލީއްޔަތުކަން އިތުރުކުރުމަކީ މިހާރު ޤައުމީ ސަލާމަތާވެސް ގުޅިފައިވާ ކަމެކެވެ. ސަަބަބަކީ ޗައިނާއިން ޓައިވާނުގައި އުފައްދާ ޗިޕްތަކުގެ ސަޕްލައިއަށް ބާރު ފޯރުވަން ފަށައިފި ނަމަ އެމެރިކާގެ ބިޔަ ޓެކްނޮލޮޖީ ވިޔަފާރިތަކަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެތީއެވެ.