ވިޔަފާރި

މޯލްޑިވިއަންއިން ޑާކާ ދަތުރުތަކުގެ އަގު ހެޔޮކޮށްފި


މޯލްޑިވިއަންގެ ލަގެޖް އެލަވެންސް އިތުރުކޮށް ބަންގްލަދޭޝްގެ ޑާކާއާއި މާލެއާ ދެމެދު ކުރާ ދަތުރުތަކުގެ އަގުހެޔޮކޮށްފިއެވެ.

އެއްކޮޅަށް މިހާރު މޯލްޑިވިއަންގެ ޓިކެޓު ވިއްކަން ފަށާ އަގަކީ 225 ޑޮލަރެވެ. ދެކޮޅު ޓިކެޓުގެ އަގަކީ 406 ޑޮލަރެވެ. މޯލްޑިވިއަން ވިދާޅުވެފައިވަނީ މިދޭތެރޭގައި ދަތުރުކުރާ ފަރާތްތަކަށް މިހާރު ލަގެޖް އެލަވެންސްވެސް 40 ކިލޯއަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ޤައުމީ އެއާލައިން މޯލްޑިވިއަންއިން ބަންގަލަދޭޝްގެ ޑާކާ އާއި މާލެއާ ދެމެދު މިވަގުތު ހަފްތާއަކު 3 ދަތުރު ކުރެއެވެ. މި ދަތުރުތަށް ކުރަނީ އާދީއްތަ އަނގާރަ އަދި ހުކުރު ދުވަހުއެވެ.

ކޯވިޑް-19ގެ ތެރޭ ރާއްޖޭގެ ބޯޑަރު ބަނދުކޮށް އަލަށް ހުޅުވިއިރު އެންމެ ފުރަތަމަ ދަތުރު ކުރަންފެށި ޤައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް ހިމެނެއެވެ. ނަމަވެސް އެ ޤައުމުގެ ކޯވިޑު ޙާލާތާ ގުޅިގެން ދަތުރުތަށް މިއަހަރުވެސް މަޑުޖެއްސިއެވެ. އަދި އޭގެ ފަހުން އަލުން ދަތުރުތައް ފަށާ އޮގަސްޓު މަހު ހަފްތާއަކު ތިން ފްލައިޓު ބާއްވާގޮތަށް ބަދަލު ކުރިއެވެ.

މޯލްޑިވިއަން މިހާރު ދެކުނު އޭޝިއާގެ ޤައުމުތަކަށް ދަތުރު ފަށާފައިވާއިރު އެންމެފަހުން އަލުން ފަށާފައިވަނީ އިންޑިއާގެ ދިއްލީ ދަތުރުތަކެވެ.