ޚަބަރު

މިނިސްޓަރ މަޚްލޫފުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ އުފުލައިފި


އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފުގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.

މިނިސްޓަރ މަޚްލޫފުގެ މައްޗަށް ދަޢުވާކޮށްފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑްރިންގގެ މައްސަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންއިން ހިންގި ތަޙުޤީޤުގައި އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން އޭނާއަށް ފައިސާދީފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މިމައްސަލައިގައި މިނިސްޓަރ އަޙްމަދު މަޚްލޫފްގެ މައްޗަށް ދަޢުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށާއި، އޭނާގެ މައްޗަށް އުފުލާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާކަމަށެވެ.

މަޙުލޫފުގެ މައްޗަށް މި ދަޢުވާކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 2014ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަޚްލޫފަށްދިން 33،000 (ތެއްތިރީސް ހާސް) އެމެރިކާ ޑޮލަރު، މަޚްލޫފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީއެވެ.

ޚިޔާނާތުގެ ތުހުމަތުތާކާއެކު ދެފަހަރެއްގެ މަތިން މިނިސްޓަރ މަޚްލޫފް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރިނަމަވެސް އެކަމަކު ދައުވާކުރުމާ މެދު ގޮތެއް ނުނިމި މަސްތަކެއް ފާއިތުވުމާއި ގުޅިގެން ސަރުކާރުންވަނީ މަޚްލޫފްގެ ސަސްޕެންޝަން އުވާލައްވާފައެވެ.

އެންމެފަހުން އޭނާ މަސައްކަތުގެ މާހައުލުން އެކަހެރިކުރިތާ 4 މަސް ފަހުން ސަސްޕެންޝަން އުވާލުމުން މިނިސްޓަރ މަޚުލޫފު މަސައްކަތަށް ނިކުންނަވަން ފެއްޓެވީ މިދިޔަ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހުގައެވެ.

މިނިސްޓަރ މަޚުލޫފުވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަށް ދޮގުކުރައްވައި، ފައިސާ ލިބުނު މުޢާމަލާތަކީ ޑޮލަރު ގަތުމުގެ ސައްޙަ މުއާމަލާތެއް ކަމަށް ވިދާޅުވެފައެވެ. އަދި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ދަޢުވާކޮށްފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު އަޙްމަދު މަޚްލޫފްވަނީ ކުރިން ވިދާޅުވެފައެވެ.