ޚަބަރު

ބަލިޖެހިފައިވާ 1000އަށްވުރެ ގިނަ މީހުން ތިބީ އަތޮޅުތެރޭގައި


ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން މިމަހު އިތުރުވެފައިވާކަމަށާއި އަދި ބައްޔަށް ޕޮޒިޓިވްވެފައިވާ ގިނަ މީހުން ތިބީ އަތޮޅުތެރޭގައިކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އަތޮޅުތެރޭގައި މިވަގުތު ބަލި ޖެހިފައިވާ ހާހަކަށްވުރެ ގިނަ މީހުން އެބަތިބިކަމަށްވެސް އެސެންޓަރުން ވިދާޅުވެއެވެ.

ކޯވިޑް-19ގެ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ އެޓޯލް ކްލަސްޓަރގެ ފަރާތުން ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޢަބްދުﷲ މައުރޫފް ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ނޮވެމްބަރުމަހު އިތުރުވެފައިވާކަމަށެވެ. އަދި މީގެތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މާލެ ސަރަޙައްދު ފިޔަވައި އަތޮޅުތެރޭގެ 69 ރަށެއްގައި ކޯވިޑަށް ޕޮޒިޓިވްވެފައިވާ 1136 މީހުން އެބަތިބިކަމަށް މައުރޫފް ވިދާޅުވިއެވެ. މީގެތެރެއިން 8 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. އަދި 19 ރަށެއް އޮތީ މޮނީޓަރިންގެ ޙާލަތުގައެވެ.

"އެތައް ބަޔަކު އަތޮޅުތެރޭގައި ޕޮޒިޓީވްވަމުން އަންނައިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އައްޑޫ ސިޓީއިން. އައްޑޫގައި އެކަނިވެސް 291 ކޭސް މިވަގުތު އެބައޮތް." މައުރޫފް ވިދާޅުވިއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވަމުންދާ މީހުން އަތޮޅުތެރޭގައި އިތުރުވަމުންދާއިރު ކުރިއަށް އޮތީ ޗުއްޓީ ދުވަސްވަރުކަމުން ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް ދޫކޮށްނުލާ، ސަމާލުވުމަށް އެޗްއީއޯސީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޚާއްސަކޮށް މާސްކު އެޅުމަށް ސަމާލުވުމަށް އެ ސެންޓަރުން އިލްތިމާސްކުރައްވައެވެ.

އެޗްއީއޯސީއިން ވިދާޅުވީ ބަލީގެ އަލާމާތްތައް ހުންނަ މީހުން ސާމްޕަލް ދޭން އަދި ސައްޙަ މަޢުލޫމާތު ދޭން ދެކޮޅު ހަދާކަމަށެވެ. އަދި އެގޮތަށް ޢަމަލުނުކުރުމަށް އެ ސެންޓަރުން އިލްތިމާސްކުރައްވައެވެ.