ވިޔަފާރި

ލ. އަތޮޅުގައި ރަށު ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަޝްރޫއެއް ފަށައިފި

ޓުއަރިޒަމް މިނިސްޓްރީއާއި ޔޫއެންޑީޕީ ގުޅިގެން ރަށު ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ހާއްސަ މަޝްރޫޢެއް ލ. އަތޮޅުގައި ފަށައިފިއެވެ.

ރީ އިމޭޖިނިންގ ޓުއަރިޒަމްގެ ނަމުގައި މިމަޝްރޫޢު ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މައުސޫމެވެ. ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިކަމަށްޓަކައި ބޭއްވި ހަފްލާގައި ޔޫއެންޑީޕީގެ ރެޒިޑެންޓް ކޯޑިނޭޓަރ ކެތެރިން ހޭސްވެލް އަދި ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ބައިވެރިވަޑައިގެންނެވިއެވެ. މީގެއިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކާއެކު ލ. އަތޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރުންވެސް ބައިވެރިވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މި ޕްރޮޖެކްޓުގެ އެއް ބޭނުމަކީ ލާމަރުކަޒީ ޤާނޫނުން ކައުންސިލުތަކަށް ދީފައިވާ ބާރު އެންމެ ފުރިހަމަ ގޮތުގައި ދިނުން ކަމަށެވެ. އަދި މިހާރުވެސް އަތޮޅުތަކުގައި ފަތުރުވެރިކަމަށް ރަށްތައް ދޫކޮށް އެރަށްތައް ތަރައްޤީ ކުރުމުގައި ދިގުލައިދާތަން ފެންނަ ކަމަށާއި، މިނިސްޓްރީން އަބަދުވެސް އެ މަސައްކަތް ނިންމުމަށް ބާރުއަޅާއިރު އެކަން ނިމެންދެން މިހާރު މަޑުކުރެވެން ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހެންކަމުން ލޯކަލް ޓުއަރިޒަމުގައި ހުރިހާ ޒިންމާއެއް މިނިސްޓްރީގެ އެއްބާރުލުމާއެކު ކައުންސިލްތަކަށް ފުރޮޅާލެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓުގެ އެއް ކަމަކީ ކައުންސިލްތައް ބާރުވެރިކުރުން. ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ދިން ބާރު ބޭނުން ކުރަން ފުރުސަތު ދިނުން. އެހެންވީމަ އަޅުގަނޑުމެންގެ މި ޕްރޮޖެކްޓު ތެރެއިން ލ. އަތޮޅުގައި ހިންގޭ މި ޕްރޮޖެކްޓަކީ މުޅި ރާއްޖޭގެ ލޯކަލް ޓުއަރިޒަމްގެ ވިސްނުން އިން ޕްރޮޖެކްޓެއް. ޑރ. ނައުޝާދުގެ ވާހަކައިގައި ފާހަގަ ނުކުރެވެނު ނަމަވެސް މި ޕްރޮޖެކްޓަކީ ދުނިޔޭގެ މިފަދަ ޕްރޮޖެކްޓުތަކުގެ ތެރެއިން 10 ވަނައިގައި ގުނާލެވުނު ޕްރޮޖެކްޓެއް. " މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޔޫއެންޑީޕީގެ ފަރާތުން ވާހަކަ ދައްކަވަމުން ރެޒިޑެންޓް ކޯޑިނޭޓަރ ކެތެރިން ހޭސްވެލް ވިދާޅުވީ، އ.ދއިން ރާއްޖެއަށް ކަނޑައަޅާފައިވާ އައު ފްރޭމްވޯކުގެ ތެރެއިން މިހާރު މަސައްކަތަށް މާލެއިން ބޭރުން ރަށްރަށާއި ހަމައަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިއީ އެކަމުގެ ފެށުން ކަމުގައި ފާހަގަކުރެއްވިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ ލ.އަތޮޅުގައި ފެށި މަޝްރޫޢަކީ ކޯވިޑާއި ގުޅިގެން ސިނާޢަތަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުންތަކަށް ބިނާކޮށް ވިލުންވެރި ފަތުރުވެރިކަމެއް ބިނާ ކުރުމަށް މަސައްކަތް ކުރުމަށް އެކުލާލެވުނު މަޝްރޫޢެއްކަމަށެވެ. އެގޮތުން ލ.އަތޮޅުގެ ކައުންސިލްތަކާއި ރައްޔިތުންނާއި އަތޮޅުގެ އެކި ފަންތީގެ ވިޔަފާރިތައް ހިމެނިގެން މަޝްރޫޢު އެކުލަވާލާފައިވާއިރު މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވޭ ހަރަކާތްތަކުގައި މައިގަނޑު 3 ކަމެއް ހާސިލު ކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން ފުރަތަމަ މަޤްސަދެއްގެ ގޮތުގައި ކައުންސިލްތައް ފަތުރުވެރިކަމުގެ މިންގަނޑުތަކަށް އަހުލުވެރިކޮށް ތަމްރީނު ކުރުމާއި، ފަތުރުވެރިކަމުގައި ރަށުގައި ހުރި ފުރުސަތުތައް ދެނެގަތުމުގެ އިތުރަށް ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކައުންސިލުގެ ހިއްސާ އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް ރަށު ފެންވަރުގައި ފަތުރުވެރިކަމަށް އެއްކުރެވިފައި ހުރި މަޢުލޫމާތާއި ރަށުގެ އާންމު މަޢުލޫމާތާއި ސަޤާފީ ކަންކަން ހިމަނައިގެން ވެބްސައިޓެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ވެބްސައިޓުގައި މިހަފްލާގެ ތެރެއިން ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ ރީ-ލޯންޗު ކޮށްދެއްވާފައެވެ.

މީގެ އިތުރަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ފަތުރުވެރިކަމުގެ ވިޔަފާރިތައް ދެނެގަތުމަށް ބްލޫ ސީލްގެ ނަމުގައި ގެސްޓު ހައުސް ސެޓިފިކޭޝަންއެއް ޤާއިމުކުރެވޭނެއެވެ. އަދި މިދާއިރާއަށް އިތުރު ވިޔަފާރިތަށް ފެށުމަށް ބިޒްނަސް އިންކިއުބޭޓަރ ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.