ވިޔަފާރި

ހޯމް ސްޓޭ ޓޫރިޒަމް ކާމިޔާބުކުރުމަށް އަންހެނުންގެ އެއްބާރުލުން ބޭނުންވާނެ: މައުސޫމް


ހޯމް ސްޓޭ ޓޫރިޒަމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް އަންހެނުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ލ.އަތޮޅުގެ ކައުންސިލްގެ ބޭފުޅުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސަރުކާރުން ދަނީ އަންނަ ޖެނުއަރީމަހު މ. ދިއްގަރުގައި ހޯމް ސްޓޭ ޓޫރިޒަމް ތަޢާރަފްކުރުމަށް ތައްޔާރުވަމުންނެވެ. މިނިސްޓަރވަނީ ލ.އަތޮޅުގެ ކައުންސިލްގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި ހޯމް ސްޓޭ ޓޫރިޒަމް އާއި ގުޅޭ ތަޢާރަފެއް ދެއްވާފައެވެ.
އެގޮތުން ރާއްޖެއަށް ހޯމް ސްޓޭ ފަތުރުވެރިކަން ތަޢާރަފްކުރަން ނިންމާފައިވާ ދިއްގަރަކީ ތަފާތު ރަށެއް ކަމަށާއި އެހެންނަމަވެސް އެރަށުގައި މިމަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ވަރަށް ކުޑަ ރަށެއް، މަސްވެރި ރަށެއް، ގެސްޓު ހައުސްއެއް ނެތް، ދެން ކޯއްޗެއް އެމީހުންގެ އޮތީ؟ އެމީހުންގެ އޮތީ ހިތެއް، ރަށުގައި ތިބީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށްފައި ތިބި ކުދިން، ކައުންސިލްގައިވެސް ތިބީ އެކަމުގެ ތަޖުރިބާ ތިބި ކުދިން، ދެން ސަޤާފަތާއި، ތަރިކައާއި، އާސާރު ކަންތަކާއި، ތިމާވެށީގެ މުއްސަދި ކަމާއި، މި އެއްޗެތި މި ބޭނުންވަނީ،" މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވީ ހޯމް ސްޓޭ ޓޫރިޒަމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔުމަށް އަންހެން ބޭފުޅުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަަމަށެވެ.

" މި ޓޫރިޒަމް ކާމިޔާބުކުރަން އަންހެނުންގެ ބައިވެރިވުން ބޭނުންވޭ، މި ޕްރޮޖެކްޓުގައި އަޅުގަނޑުމެން ބޭނުން އަންހެނުންނަކީވެސް ފަތުރުވެރިކަމުގެ ވެރިންނަށް ހަދަން، " މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވިއެވެ.

ލ.އަތޮޅުގައި މިހާރު އޮތީ ދެ ރިސޯޓެވެ. އެހެންކަމުން ހޯމް ސްޓޭ ޓުއަރިޒަމާއެކު ރަށު ފަތުރުތެރިކަން ތަރައްޤީވެ، ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގިނަ މަގުތަކެއް ތަނަވަސްވެގެންދާނެ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހޯމް ސްޓޭ ފަތުރުވެރިކަމަކީ، އެރަށެއްގައި ދިރިއުޅޭ ބަޔަކާއެކު އެއްގެއެއްގައި ފަތުރުވެރިން ޗުއްޓީ ހޭދަ ކުރާ ބާވަތުގެ ފަތުރުވެރިކަމެވެ. މި ބާވަތުގެ ފަތުރުވެރިކަމަކީ ދުނިޔޭގެ ޤައުމުތަކުގައި ކާމިޔާބު ކަމާއެކު ހިންގާ އެއް މޮޑެލެވެ. ހޯމްސްޓޭ ޓުއަރިޒަމްގެ އިތުރުން، ސްޕޯޓްސް ޓުއަރިޒަމް، މައިސް ޓުއަރިޒަމް އަދި ކަލްޗަރަލް ޓުއަރިޒަމް ޕްރޮމޯޓްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.