ދުނިޔޭގެ ވިޔަފާރި

ބާޒާރުގައި ތެލުގެ އަގު ދަށްކުރުމަށް އެމެރިކާއާއި ބައެއް ޤައުމުތަކުން ރިޒާވްތަކުން ތެޔޮ ބޭރުކުރަނީ


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށް ކުރުމަށް އެމެރިކާއާއި ގުޅިގެން ބައެއް ޤައުމުތަކުގެ ރިޒާވްތަކުން ސާފު ނުކުރާ ތެޔޮ ބޭރުކުރަން ނިންމައިފިއެވެ.

އެމެރިކާއާއި ގުޅިގެން މިކަން ކުރުމަށް ނިންމާފައިވަނީ، އިންޑިއާ، ޗައިނާ، ޖަޕާން، ދެކުނު ކޮރެއާ އަދި އިނގިރޭސިވިލާތުންނެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި އަދި އޯޕެކް ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަތިކޮށްފައިނުވާތީ ނިންމި ނިންމުމެކެވެ. އެމެރިކާއިން މިހާތަނަށް ދިޔައީ އޯޕެކް ޤައުމުތަކުގެ ތެލުގެ އުފެއްދުންތެރިކަން މަތި ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް އޯޕެކް ޤައުމުތަކުގެ އުފެއްދުންތެރިކަން މަތި ނުކުރެވެއެވެ. އަދި އެމެރިކާގެ އެދުމަށް އެ ޤައުމުތަކުން ދިނީ ބީރު ކަންފަތެކެވެ.

އެމެރިކާގައި ތެލުގެ އަގު ބޮޑުތަނުން އުފުލިފައިވާއިރު އެމެރިކާގެ ރައީސް ޖޯ ބައިޑަން، މިވަނީ އެމެރިކާއިން 50 މިލިއަން ފީފާ ތެޔޮ ދޫކުރާނެ ކަމަށް ބުނެފައެވެ. މިއީ އެމެރިކާއަށް ދެ ދުވާހައި ބަޔަށް ބޭނުންވާ ވަރަށް ތެލެވެ. އިންޑިއާއިން 5 މިލިއަން ފީފާ ތެޔޮ ދޫކުރާނެ ކަމަށް ބުނެފައިވާއިރު، އިނގިރޭސިވިލާތުން ބުނެފައިވަނީ އެޤައުމުގެ އަމިއްލަފަރާތްތަކުގެ ރިޒާވުން 1.5 މިލިއަން ފީފާ ތެޔޮ ދޫކުރާނެ ކަމަށެވެ. ޖަޕާނުން މި އެއްބަސްވުމުގެ ދަށުން ދޫކުރާނީ 4.2 މިލިއަން ފީފާގެ ސާފު ނުކުރާ ތެލެވެ. މިއީ އެ ޤައުމަށް ގާތްގަނޑަކަށް ދެދުވަހަށް ބޭނުންވާ ވަރަށް ތެލެވެ. ނަމަވެސް މި އެއްބަސްވުމުގެ ދަށުން ދެކުނު ކޮރެއާއިން ދޫކުރާ ވަރު އިތުރު މަޝްވަރާތަކަށް ފަހު ހާމަ ކުރާނެ ކަމަށް އެޤައުމުން ބުނެއެވެ. އަދި ޗައިނާއިންވެސް ދޫކުރާނެ ވަރު ހާމަކޮށްފައިނުވެއެވެ.

މިއަހަރު ފެށުނީއްސުރެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 50 ޑޮލަރުން މަތީގައެވެ. މިދިޔަ ޖެނުއަރީ މަހު 54 ޑޮލަރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރިއިރު، އޮކްޓޯބަރު މަސް ނިންމާލީ 83 ޑޮލަރަށް އަގު އުފުލިގެންނެވެ. މިއާއެކު ތެލުގެ އަގު ބޮޑުތަނުން އުފުލި ޕެޓްރޯލުގެ އަގު މައްޗަށް ގޮސްފައިވެއެވެ. މިއީ 2020 ވަނަ އަހަރު ތެލުގެ އަގު ވެއްޓުމަށް ފަހު އެންމެ އަވަހަށް މިދިޔަ ހަތް އަހަރުގައިވެސް ތެލުގެ އަގު އަރައިގެން ފުރަތަމަ ފަހަރެވެ.

އޯޕެކް ޤައުމުތަކުގެ އުފެއްދުންތެރިކަން މަތިކުރުމަށް މީގެ ކުރީންވެސް އެ ޤައުމުތަކުން އެއްބަސްވިއެވެ. އެގޮތުން މަހެއްގެ މައްޗަށް 400،000 ފީފާ ކޮންމެ މަހަކު އިތުރު ކުރުމަށް އެ ޤައުމުތަކުން އޯގަސްޓު މަހުން ފެށިގެން ވަނީ އެއްބަސްވެފައެވެ. ނަމަވެސް ކޯވިޑުގެ ނުރައްކާ އަދިވެސް އޮވެ، މީހުން ތެޔޮ ބޭނުން ކުރާ މިންވަރު އަނެއްކާވެސް ވެއްޓިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް އޯޕެކުން ޤަބޫލު ކުރާ ކަމަށް ރޮއިޓަރސްއިން ރިޕޯޓު ކުރެއެވެ.

މީގެ އިތުރަށް މިއެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރުމަށް އޯޕެކް ޤައުމުތައް ނުކުޅެދިފައިވާއިރު އެމެރިކާއިން ދެކޭ ގޮތުގައި އޯޕެކުން އުފެއްދުންތެރިކަން އިތުރުކުރުމަށް އެއްބަސްވި މިންވަރު މާދަށެވެ. އެހެން ކަމުން ރިޒާވްތަކުގައި ހުރި ތެޔޮ ދޫކޮށްގެން ބާޒާރުގައި ތެލުގެ އަގުދަށްކުރުމަށް އެޤައުމުތަކުން މިހާރު މިވަނީ މަސައްކަތް ފަށާފައެވެ.