ދުނިޔޭގެ ވިޔަފާރި

އިސްރާއީލުގެ ޖާސޫސީ ކުންފުންޏަށް އެޕަލްގެ އެއްވެސް ޚިދުމަތެއް ބޭނުން ނުކުރެވޭނެ ގޮތަށް ދައުވާކޮށްފި


އިސްރާއީލުގެ ޖާސޫސީ ކުންފުނި އެންއެސްއޯއަށް އެޕަލްގެ އެއްވެސް އުފެއްދުމެއް ބޭނުން ނުކުރެވޭނެ ގޮތަށް އެޕަލް ކުންފުނިން ދަޢުވާކޮށްފިއެވެ.

އިސްރާއީލުގެ ޖާސޫސީ ކުންފުނި އެންއެސްއޯ ގްރޫޕަކީ ޖާސޫސީ ސޮފްޓްވެއަރ ޕެގަސަސް އުފެއްދި މީހުންނެވެ. މި ސޮފްޓްވެއަރ މެދުވެރިކޮށް ފޯނެއްގެ ވެރިފަރާތުގެ ހުއްދައަކާއި ނުލައި ފޯނުގައި ހުރި ހުރިހާ މަޢުލޫމާތެއް ދަމައިގަނެ، އަދި ފޯނަށް ލިބޭ މެސެޖުތަކާއެކު ފޯނުގެ މައިކްރޯފޯން އަދި ކެމެރާ ބޭނުން ގަޑިއެއްގައި ބޭނުން ކުރެވޭ ގޮތަށް ވަނީ ފަރުމާކޮށްފައެވެ. މިއީ ޓެރަރިޒަމާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ސަރުކާރުން ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކުރި ސޮފްޓްވެއަރއެއް ކަމަށް އެކުންފުނިން ބުނެއެވެ.

ނަމަވެސް އެކުންފުނީގެ މި ސޮފްޓްވެއާރ ބޭނުންކޮށްގެން ނޫސްވެރިންނަށާއި، އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކުގެ ފޯނުތަކަށް ހަމަލާދީފައިވާ ކަން މިއަހަރު މެދުތެރޭ ވަނީ މީޑިއާތަކަށް ތިލަވެފައެވެ. މިކަމާ ގުޅިގެން އެކުންފުނިން ބުނެފައިވަނީ ސޮފްޓްވެއަރ މިގޮތަށް ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ.

މިމައްސަލައިގައި އައިފޯންތަކަށް ހަމަލާދީފައިވާކަން ފާހަގަވުމާއެކު އެޕަލްއިން ވަނީ ސޮފްޓްވެއަރ އަޕްޑޭޓުތަކެއް ނެރެފައެވެ. މިކަމާ ގުޅޭގޮތުން އެކުންފުނިން ބައިނަލްއަޤްވާމީ މީޑިއާތަކަށް ނެރެފައިވާ ނޫސް ބަޔާނުގައި ބުނީ، އެކުންފުނިން އަބަދުވެސް އެންމެ ރައްކާތެރި ފޯނުގެ ގޮތުގައި އެޕަލްގެ އުފެއްދުންތައް ހެދުމަށް މަސައްކަތް ކުރި ނަމަވެސް ދަޢުލަތްތަކުން ޚަރަދުކޮށްގެން މިފަދަ ސޮފްޓްވެއަރތައް އުފެއްދުމަކީ ނުރައްކާތެރި ކަމެއްކަމަށެވެ.

އެޕަލްއިން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެންއެސްއޯއިން ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް، ނޫސްވެރިންނާއި އެކްޓިވިސްޓުންނާއި ދެކޮޅަށް މި ސޮފްޓްވެއަރ ބޭނުންކޮށްފައިވާ ކަމުގެ ރިޕޯޓުތައް ހުރިކަމަށެވެ. މީގެ އިތުރަށް ކޯޓަށް ހުށަހެޅި ލިޔެކިއުންތަކުގައި އެޕަލްއިން ބުނީ އެ ކުންފުނިން 100 އަށް ވުރެ ގިނަ އެޕަލް އައިޑީ ހަދައި މީހުންނަށް އެކި އެއްޗެތި ފޮނުވުމަށް ބޭނުން ކުރި ކަމަށެވެ. އަދި މިއީ ކުންފުނީގެ ކްލައުޑު ޚިދުމަތުގެ ޓާމްސް އޮފް ސަރވިސްއާއި ޚިލާފު ކަމެއް ކަމަށް އެޕަލްއިން ބުނެއެވެ.

އެޕަލް ކުންފުނީގެ މި ދަޢުވާ އޮތް ގޮތަށް ނިމިއްޖެ ނަމަ އެންއެސްއޯ ކުންފުންޏަށް އެޕަލްގެ އެއްވެސް ޚިދުމަތެއް ބޭނުން ކުރުން މަނާވާނެއެވެ. އަދި އެޕަލްގެ އެއްވެސް އުފެއްދުމެއްވެސް ބޭނުން ނުކުރެވޭނެއެވެ. އެމެރިކާގެ ޑިޕާޓްމެންޓް އޮފް ކޮމާސްއިންވެސްވަނީ މި ނޮވެމްބަރު މަހު ކުރީކޮޅު އެމެރިކާގެ ކުންފުނިތަކުން އެންއެސްއޯއާއި އެކު ވިޔަފާރި ކުރުން މަނާކޮށްފައެވެ. މިނިންމުމަކީ ފަހުންވެސް ބަދަލުވެދާނެ ނިންމުމެއް ކަމުން އެޕަލްއިން ދައުވާކޮށްފައިވަނީ ދާޢިމަށްވެސް މި ނިންމުން އެކުންފުނިން ދެމެހެއްޓުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

މިމައްސަލައިގައި މީގެ ކުރީން ފޭސްބުކު ނުވަތަ މިހާރުގެ މެޓާ ކުންފުނީގެ ދަށުން ހިންގާ ވަޓްސްއެޕްއިން ވެސް އެކުންފުންޏާއި ދެކޮޅަށް ދަޢުވާ ކުރިއެވެ. މި ދަޢުވާތަކަށް ގޫގުލްއާޢި މައިކްރޯސޮފްޓުން ވަނީ ތާޢީދު ކޮށްފައެވެ.

އެޕަލްގެ މިދައުވާގެ އިތުރަށް ޖާސޫސީ ސޮފްޓްވެއަރތަކާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް އެޕަލް ކުންފުނިން ޚަރަދު ކުރުމަށްވެސް ވަނީ ނިންމާފައެވެ. މިގޮތަށް މަސައްކަތް ކުރާ ފަރާތްތަކަށް 10 މިލިއަން ޑޮލަރު ޚަރަދުކުރަން އެކުންފުނިން އޮތީ ތައްޔާރަށެވެ.