ވިޔަފާރި

ފްރީޓްރޭޑް އެގްރީމެންޓްގެ މަޝްވަރާތަކުގެ ދެވަނަ ބުރު ޗައިނާގައި


ރާއްޖެއާއި ޗައިނާއާ ދެމެދު އެކުލަވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ފްރީޓްރޭޑް އެގްރީމެންޓު ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭ ރަސްމީ މަޝްވަރާތަކުގެ ދެވަނަ ބުރު އަންނަ ފެބުރުއަރީ މަހު 29 ން މާރޗް މަހުގެ 4 އަށް ބެއިޖިންގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ޗައިނާއިން ހާމަކޮށްފިއެވެ. ރަސްމީ ވާހަކަތަކުގައި ބައިވެރިވާ ޗައިނާގެ ވަފްދުގެ ފަރާތުން ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ މިމަހުގެ 21 ން 22 އަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ރަސްމީ މަޝްވަރާތަކުގެ ފުރަތަަމަ ބުރު ނިންމާލެވިފައި ވަނީ ކާމިޔާބު ކަމާއި އެކު ކަމަށެވެ. އަދި ވާހަކަތަކުގެ ދެވަނަ ބުރު ބެއިޖިންގައި ކުރިއަށްގެންދާނެ ތާރީޚާއިމެދު ދެޤައުމުންވެސް އެއްބަސްވެފައި ވާކަމަށް ޗައިނާގެ ވަފުދުން މަޢުލޫމާތު ދެއްވައެވެ. ރަސްމީ މަޝްވަރާތަކުގެ މައިގަނޑު މަޤްސަދު ކަމުގައި ދެޤައުމުންވެސް ކަނޑައަޅާފައި ވަނީ، ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަންގެ ޕްރިންސިޕަލް ތަކަށް ފެތޭފަދަ އެއްބަސްވުމެއް، ދެޤައުމަށްވެސް ފައިދާވާނެ ފަދަ ގޮތަކަށް އެކުލަވާލުމެވެ. މިފަދަ އެއްބަސްވުމެއް އެކުލަވާލައި، ވީ އެންމެ އަވަހަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިއުމަކީ އަމާޒު ކަމަށް ރާއްޖެއާއި ޗައިނާއިން ވަނީ ބުނެފައެވެ. ދެޤައުމުގެ ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތުތައް އިތުރުކޮށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް ނިންމަވައި، އެކަމަށް ޖޮއިންޓް ޓްރޭޑް ކޮމިޓީއެއް އެކުލަވާލައްވާފައިވަނީ މިދިޔަ އަހަރު ޗައިނާގެ ރައީސް ޝީޖިންޕިންގ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.