ޚަބަރު

ބަަންގްލަދޭޝްގެ އެކި ދާއިރާތަކުގެ އިސް ބޭފުޅުންނާ ނައިބުރައީސް ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިހާރު ބަންގްލަދޭޝަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ އިސްވެރިންނާއި އެކިދާއިދާއިރާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

މިދަތުރުފުޅުގެ ތެރެއިން މިއަދު އެމަނިކުފާނު ވަނީ އެޤައުމުގެ އެޑްވައިޒަރ ޓު ދަ ޕްރައިމިނިސްޓަރ، މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، އަދި މިނިސްޓަރ އޮފް އެޑިއުކޭޝަނާ ވަކިވަކީން ބައްދަލުކުރައްވާފައެވެ.

މިގޮތުން އެޤައުމުގެބޮޑުވަޒީރުގެ އެޑްވައިޒަރ ސަލްމާން ރަޙްމާނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ ކޯވިޑް-19ގެ ސަބަބުން ދެ ޤައުމަށް ވެސް ކުރިމަތިވެފައިވާ ގެއްލުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާއެވެ. އަދި ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ޞިއްޙީ ޚިދުމަތް ކުރިއެރުވުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވައި، މިދާއިރާއިން ބަންގްލަދޭޝްގެ އެހީތެރިކަން ބޭނުންވާކަމަށް ނައިބުރައީސް ވިދާޅުވިއެވެ. އަދި ދެޤައުމު ގުޅިގެން ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން ބަންގްލަދޭޝްގެ މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް، ޢިމްރާން އަޙްމަދާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ނައިބްރައީށް ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައާމެދު ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ވީ އެންމެ އަވަހަކަށް ރެގިއުލަރައިޒް ކުރުމަކީ، ސަރުކާރުގެ އަމާޒެއްކަމުގައި ވިދާޅުވެފައިވެއެވެ. ރާއްޖޭގައި ބަންގްލަދޭޝްގެ ގިނަ ޢަދަދެއްގެ މަސައްކަތު މީހުން އުޅޭތީ މިކަމުގައި އެޤައުމުގެ ކަމާ ބެހޭ ފަރާތްތަކުގެ އެހީތެރިކަމަށް ނައިބުރައީސް އެދިވަޑައިގަތެވެ.

ބަންގްލަދޭޝްގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އެމް.ޑީ. ޒާހިދު އަހްސަން ރަސަލްއާވެސް ނައިބުރައީސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ކުޅިވަރު ދާއިރާ ތަރައްޤީކުރުމަށް، އެތުލީޓުންނަށް ޚާއްޞަ ޓްރެއިނިންގ ކޭމްޕްތަކާއި، ކުޅިވަރުގެ ދާއިރާގެ އެކި ފަންނުތަކުން ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އެޤައުމުގެ އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ ދީޕޫ މޮނީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ނައިބުރައީސް ވަނީ ޞިއްޙީ ދާއިރާއާއި އިންޖިނިއަރިންގ ފަދަ ދާއިރާތަކުން ޚާއްޞަ ތަޢުލީމީ ފުރުޞަތުތައް އިތުރުކުރުމަށާއި، ތަޢުލީމީ ރެގިއުލޭޓަރީ ބޮޑީތަކުގައި ސްޓޭންޑަރޑް ޕްރެކްޓިސްތައް އުފެއްދުމަށް ބޭނުންވާ ފަންނީ ތަޖުރިބާ ކާރުން ބިނާކުރުމަށް ބަންގްލަދޭޝް ސަރުކާރުގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާކަމުގައި ވިދާޅުވެފައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އެޑްވައިޒަރާއި، އެޤައުމުގެ ބައެއް މިނިސްޓަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުންތަކަށްފަހު، އެމަނިކުފާނު ވަނީ ސައުތު އީސްޓް އޭޝިއަން ފައުންޑޭޝަން (އެސް.އީ.އޭ.ސީ.އޯ)ގެ ޗެއަރމަން ޞަލާޙުއްދީން ކަސެމް ޚާނާއި ބައްދަލުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޗިޓަގޮންގް ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދެ ދަރިވަރަކަށް ދެއްވި ސްކޮލަރޝިޕްގެ ސިޓީ ޤަބޫލުފުޅު ކުރައްވާފައެވެ.

ނައިބު ރައީސް ވަނީ ޔުނިވަރސިޓީ އޮފް އޭޝިޔާ ޕެސިފިކްގެ އެކްޓިންގ ވައިސް ޗާންސެލަރ ޕްރޮފެސަރ ޑޮކްޓަރ ސުލްޠާން މަޙްމޫދުއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ދަރިވަރަކަށް ދެއްވި ފުލް ސްކޮލަރޝިޕްގެ ފުރްޞަތާއި، ޕާރޝަލް ފީ މަޢާފުކޮށްދިނުމުގެ ފުރުޞަތު، ޤަބޫލުފުޅު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ނައިބު ރައީސް ވަނީ ކުމުޑީނީ ވެލްފެއަރ ޓްރަސްޓްގެ މެނޭޖިންގ ޑިރެކްޓަރ ރަޖީވް ޕްރަސާދް ޝާހާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ބެޗްލަރސް އޮފް ޑެންޓިސްޓްރީ (ބީޑީއެސް) ކިޔެވުމަށް ދިވެހި 5 ދަރިވަރަކަށް ދެއްވި ޚާއްޞަ ސްކޮލަރޝިޕާއި، ދިވެހި 2 ދަރިވަރަކަށް މާސްޓަރ އޮފް ސައިންސް (އެމްއެސްސީ) އިން ނަރސިންގ ކިޔެވުމަށް ދެއްވި ފުރުޞަތު ޤަބޫލުފުޅުކުރައްވާފައެވެ.