ޚަބަރު

ޤާޟީ ޢަބްދުﷲ އަދީބަށް ޖޭއެސްސީން ފިޔަވަޅު އަޅައިފި


ކޯޓަށް ހުށާއެޅުނު މައްސަލައެއް ބެއްލެވުމުގައި ފަރުވާކުޑަކޮށްފައިވާކަން ސާބިތުވެފައިވާތީ، ފެމިލީ ކޯޓުގެ ޤާޟީ ޢަބްދުﷲ އަދީބަށް ފިޔަވަޅު އަޅައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، ޤާޟީ ޢަބްދުﷲ އަދީބަށް ފިވަޅު އަޅަން ނިންމީ ފެމިލީ ކޯޓަށް ހުށަހުޅުނު މައްސަލައެއް ބަލައި ޙުކުމްކުރުމުގައި، ފަރުވާކުޑަކޮށްފައިވާކަން ސާބިތުވެފައިވާތީ، އެ ޢަމަލަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.4 އަދި 6.5 އާ ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީކަމަށެވެ.

މިކަމާއި ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުން ޖޭއެސްސީން ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ޤާޟީ ޢަބްދުﷲ އަދީބަށް އެންގުމަށް ނިންމާފައެވެ.

ރާއްޖޭގެ ކޯޓުތަކަށް ހުށައެޅޭ މައްސަލަތައް ބެއްލެވުމުގައި ފަރުވާކުޑަކުޜާ ފަނޑިޔާރުންނާއި، އުސޫލުތަކާއި ޚިލާފުވާ ފަނޑިޔާރުންނަށް އެކި ފިޔަވަޅުތައް ޖޭއެސްސީން އަޅަމުންގެންދާއިރު، އޭގެ ތެރޭގައި އެކޮމިޝަނުން ކަނޑައަޅާ ތަމްރީނުތަކެއް ފުރިހަމަކުރުމުން ފެށިގެންގޮސް ފަނޑިޔާރުންނާއި، ޤާޞީން މަޤާމުން ވަކިކުރަންވެސް އެކޮމިޝަނުންވަނީ މީގެކުރިން ލަފާދެއްވައި، ނިންމުންތައް ނިންމަވާފައެވެ.