ޚަބަރު

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ކޮމިޓީން ފާސްކޮށްފި


ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަޅާފައިވާ ބިލު ކޮމިޓީން ފާސްކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ މުދަލާއި މަސައްކަތްތަކުގެ އިތުރުން މުވައްޒަަފުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށް, އޮތޯރިޓީ އުވާލަން ހިމަނައި، "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު" އުވާލުމަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ސަރުކާރުން މަޖިލީހަށް ހުށަހެޅީ އެތަނުގެ ޚިދުމަތްތައް ލަސްވެ ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވަނިކޮށެވެ.

"މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު" އުވާލުމުގެ ބިލު ދިރާސާކުރި ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވި 13 މެބްބަރުންގެ ތެރެއިން 11 މެމްބަރަކު ވޯޓު ދެއްވެވީ އެއޮތޯރިޓީ އުވާލުމަށެވެ. މިކަމާއި ދެކޮޅަށް ދެ މެމްބަރަކު ވޯޓު ދެއްވެވިއެވެ. ކޮމިޓީގެ މެމްބަރުންގެ އަޣްލަބިއްޔަތުން ޓްރާންސް ޕޯޓް އޮތޯރިޓީގެ ޤާނޫނު އުވާލަން ވޯޓު ދިނުމުން ކޮމިޓީން މިހާރުވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު އުވާލަން ފާސްކޮށް ރިޕޯޓް އެކުލަވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެތެރޭގައި ޓްރާސްޕޯޓް މިނިސްޓްރީ އުވާލއްވައި، އެމިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ބައެއް ތަންތަނާއި، އެމިނިސްޓްރީން ކުރަމުންދިޔަ މަސައްކަތްތައް، ސަރުކާރުގެ އެހެން ބައެއް އިދާރާތަކަށް ބަދަލުކުރެއްވިއެވެ.

އަދި އޭގެ 2 އަހަރެއްހާ ދުވަސްފަހުން އައު ޤާނޫނެއްގެ ދަށުން، ދިވެހިރާއްޖޭގައި އެއްގަމާއި ކަނޑު ދަތުރުފަތުރާ ގުޅުންހުރި އެންމެހައި ކަންކަން ރާވައި، ހިންގާނެ ގޮތްތަކާއި އުސޫލުތައް ކަނޑައަޅައި އެ ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ"ގެ ނަމުގައި އޮތޯރިޓީއެއް އުފައްދައި، އެތަނުގެ ދަށަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުންގެންދެވި ގިނަ މަސައްކަތްތަކެއް ބަދަލުކުރެއްވިއެވެ.

ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގެން، ސަރުކާރު އެކުލަވާލެއްވީ ޓްރާންސްޕޯޓް މިނިސްޓްރީވެސް ހިމެނޭގޮތަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު އުވާލަން ހުށައެޅީ އެ އޮތޯރިޓީ އާއި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ފުށުއަރާ ކަންތައްތަކެއް ހުރުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކުރިން ހާމަކޮށްފައެެވެ. އަދި އެމިނިސްޓްރީގެ ދަށުން ކުރަމުންގެންދެވި މަސައްކަތަކާއި، ދެއްވަންމުންގެންދަވާ ޚިދުމަތްތައް ވީހާވެސް އަވަސްކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްވަނީ ބައެއް ބަދަލުތައް ގެނެސް ޚިދުމަތްތައް އަވަސްކޮށްފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަން ފާސްކުރުމުގެ ކުރިން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީންވަނީ އެކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އާއި އެޓާނީ ޖެނެރަލް އަދި ލޯކަލް ގަވާމެންޓް އޮތޯރިޓީއާއި ވެސް ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.