ޚަބަރު

އާ އަހަރާ ދިމާކޮށް ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް !


އާ އަހަރާ ދިމާކޮށް މާލެ ހިމެނޭ
ސަރަޙައްދުގައި ސަލަމާތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން ޚާއްޞަ މަސައްކަތްތަކެއް
މިއަދުން ފެށިގެން ކުރިއަށްދާނޭކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ހާމަކުރައްވައިފިއެވެ.




ފުލުހުން ވިދާޅުވީ މިއަދު
އިރުއޮއްސި ހަޔަކުން ފެށިގެން ޖެނުއަރީމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މާލޭއާއި
މާލެ ހިމެނޭ ސަރަޙައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގެ
ތެރެއިން މާލެތެރެ ޕެޓްރޯލްކުރުން އިތުރުކޮށް، ބޭނުމެއްނެތި ދަންވަރު ބޭރުގައި
އުޅޭ ފަރާތްތަކާ ސުވާލުކޮށް، ބަލާފާސްކުރައްވާނޭކަމަށެވެ.



ހަމަ އެއާއެކު ރައްކާތެރިކަން
ޤާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރުކޮށް، ކުށުގެ ޢަމަލުތައް
ހުށަހެޅޭ ސަރަޙައްދުތައް އިތުރަށް ބަލައި ފާސްކޮށް އެސަރަޙައްދުތައް ބެލެހެއްޓުން
އިތުރު ކުރެވޭނޭކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.



މީގެ އިތުރުން ކަނޑުމަތިން އުޅަނދުތައް ބަލައި ފާސްކުރުމާއި، މާލެއާއި
ވިލިމާލެ އަދި ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ފެރީ ޓާމިނަލްތައް ސްޓެޓިކްކޮށް
ބެލެހެއްޓުމާއި ޓީ ޖެޓީ ސަރަޙައްދު ހާއްސަ ސަމާލުކަމެއް ދީގެން ބެލެހެއްޓުމަށް ހަމަޖެހިފައިވާކަމަށް
ފުލުހުން ވިދާޅުވިއެވެ.

މި މަސައްކަތްތަކުގައި ފުލުހުންގެ އިންޓެލިޖެންސްގެ އިތުރުން  ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ މާލެ ސިޓީ ޕޮލިސް އާއި ހުޅުމާލެ ޕޮލިސް އަދި
ވިލިމާލެ ޕޮލިސް އާއި އިންޓަރނަލް ސެކިއުރިޓީ ކޮމާންޑްގެ މެރިން ޕޮލިސް އާއި ސްޕެޝަލިސްޓް
އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުން ހަރަކާތްތެރިވަމުން ދާނެކަމަށްވެސް
ފުލުހުން ވިދާޅުވެއެވެ.