ކުޅިވަރު

ގޭސް، މީޑިޔާ ނެޓް، އެމްޕީއެލް އަދި ފެނަކައަށް މޮޅެއް


ސަރުކާރު އޮފީސް ކުންފުނިތަކަށް ޚާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗްތައް ފެނަކަ، އެމްޕީއެލް، މޯލްޑިވްގޭސް އަދި މީޑިއާނެޓް ކާމިޔާބުކޮށްފިއެވެ.

ފެނަކަ މެޗް ކާމިޔާބުކޮށްފައިވަނީ ރާއްޖެ އޮންލައިން (އާރްއޯއެލް)އާއި ވާދަކޮށް 9 ލަނޑު 0 ލަނޑުންނެވެ. މިމެޗް ފެނަކައިން ކޮންޓްރޯލް ކުރިއިރު އެޓީމަށްވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފަ. އެޓީމުން މެޗުގައި 9 ލަނޑު ޖެހިއިރު، މިއަށްވުރެއް ގިނަ ލަނޑު ޖެހުމަށްވެސް ފެނަކައަށް ފުރުސަތު ލިބިގެންދިޔައެވެ. ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗްގައި ފެނަކައިގެ އަޙުމަދު ހަލީމް ވަނީ އެ ޓީމަށް 4 ލަނޑު ޖަހައިދީފަ، ގައުމީ ޓީމުގެ މިޑްފީލްޑަރު ޔަސްފާދު ހަބީބު 2 ލަނޑު ޖެހިއިރު، އިތުރު ލަނޑުތައް ޖަހާފައިވަނީ އަޔާޒު އަހުމަދު، އިބްރާހީމް އަރީޝް އެޓީމުގެ ކެޕްޓަން ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ)އެވެ.

އެމްޕީއެލް އިން ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް ކުރި ހޯދީ 3 ލަނޑު 1 ލަނޑުންނެވެ. މިމެޗްގައި އެމްޕީއެލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ހުސެއިން އާއި އެޓީމުގެ ކެޕްޓަން މުހައްމަދު ޔަފާއު އަދި އަހުމަދު ނިޒާމެވެ. މިމެޗްގައި ސިފައިން ކުލަބްގެ ހަމައެކަނި ގޯލު ޖެހީ އިބްރާހިމް ޠާއިފެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުހައްމަދު ޔަފާއުއެވެ. ފޯރިގަދަ ކުޅުމެމެއް ފެނިގެންދި މޯލްޑިވް ގޭހާއި އެމްއެމްއޭ ސޯޝަލް ކްލަބް ބައްދަލުކުރި މެޗް ކާމިޔާބުކުރީ 6 ލަނޑު 4 ލަނޑުންނެވެ. މޯލްޑިވް ގޭހުން މެޗްގެ ފުރަތަމަ ހާފްގައި 4 ގޯލްޖެހިއެވެ. މިމެޗްގައި ގޭހުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަޙްމަދު ރަޝީދު (އައްމަޑޭ) ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަނެއް ގޯލު ޖެހީ ޤައުމީ ޓީމުގެ ފޯވާޑް ހަސަން ނަޒީމް (ޗޯޓު)އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އެމްއެމްއޭއިންވަނީ 3 ލަނޑު ޖަހާފައެވެ. ލަނޑުތައް އެމްއެމްއޭއަށް ކާމިޔާބުކޮށްދިނީ އަހުމަދު ހުސާމް އަދި ކެޕްޓަން މުހައްމަދު ވަހީދު ވަނީ 2 ގޯލް ޖަހާފައެވެ. އަދި އެމްއެމްއޭއިން ވަނީ ދެވަނަ ހާފް ފެށުމާއެކު ލަނޑެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެމްއެމްއޭގެ 4ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ސައިފްއެވެ. ނަމަވެސް ގޭހުން ކުޅުން ރަގަނޅުކޮށް ވަނީ އަލުން ލީޑް ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އަޖުފާނެވެ. ގޭސްގެ ފަހު ދެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ނަޒީމެވެ. މެޗްގެ ފަހު ކޮޅުގައި ހަސަން ނަޒީމަށްވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑުދައްކާފައެވެ.

ރޭގައި ކުޅުނު ފަހު މެޗްގައި މީޑިއާ ނެޓުންވަނީ 3 ލަނޑު 2 ލަނޑުން އެމްއޭސީއެލްގެ މައްޗަށް ކުރި ހޯދާފައެވެ. މީޑިއާނެޓުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މޫސާ އަޒީމް ހަސަންއެވެ. އަނެއް ގޯލު ޖެހީ މުޙައްމަދު ޖަޒްލާނެވެ. އެމްއޭސީއެލްގެ ގޯލުތައް ޖެހީ އަހުމަދު ސިނާހާއި ހަސަން ސަމްހާންއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވާ އަޒީމަކީ ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިއެކެވެ. މިމުބާރާތުގެ މެޗްތައް މިރޭވެސް ކުރިއަށްދާނެއެވެ.