ވިޔަފާރި

ޝިޕިންގ ދާއިރާގައި އަންހެނުންނަށްވެސް ގިނަ ފުރުސަތުތަކެއް އެބަހުރި: ސައީދު


ޝިޕިންގެ ދާއިރާގައިވެސް އަންހެނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށާއި މި ފުރުސަތުތަކުގެ ބޭނުން ހިފުމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ، އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ގޮވާލައްވައިފިއެވެ.

އެމްއެސްއެސްގެ "އެމްއެސް ގަލޭނާ" މާލޭ ކޮމާޝަލް ހާބަރަށް ބަނދަރުކުރުން ފާހަގަކުރުމަށް އެމްޕީއެލްގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ އިންސާނީ މަސީލަތްތައް ތަރައްޤީކުރުމަށް އެކުންފުނިން ހާއްސަ ސަމާލުކަމެއްދޭ ކަމަށެވެ. އަދި މިދާއިރާއަކީ ހަމައެކަނި ފިރިހެނުން މަސައްކަތްކުރަން އޮތް ދާއިރާއެއް ނޫން ކަމަށާއި އަންހެނުންނަށްވެސް މި ދާއިރާގައި ގިނަ ފުރުސަތުތަކެއް އެބަހުރިކަން ސާއިދު ފާހަގަކުރެއްވިއެވެ.

"ދުނިޔޭގެ އެހެން ޤައުމުތަކަށް ބަލާލިޔަސް ފެންނާނީ މި ދާއިރާގައި އަންހެން ބޭފުޅުން ވަރަށް އެކްޓިވްކޮށް އުޅޭކަން، އެމްއެސްއެސް އޮފީހުގައިވެސް ގިނަ ވަޒީފާގެ ފުރުސަތުތަކެއް އެބަހުރި،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެމްއެސްއެސްގެ ފްލީޓު ބޮޑުކުރަމުންދާވަރަކަށް މި ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތްވެސް ކުރަމުންދާނެ ކަމަށެވެ. އެގޮތުން މި ދާއިރާއިން ސްކޮލަރޝިޕްގެ ފުރުސަތުތަކެއް ދިނުމަށް ވިސްނާފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

"ކުރިއަށް އޮތް އަހަރުތަކުގެތެރޭގައި، އިންޖީނު އަދި ޑެކް ކެޑޭޓުންނަށް ފުރުސަތު ހުޅުވާލާ އެކަމުގެ ސްކޮލަރޝިޕްތަކެއް އާއްމުކޮށްލާނަން، އަލަށް ސްކޫލް ނިންމާ ދަރިވަރުންނަށްވެސް މި ދާއިރާއަކީ ރަނގަޅު ދާއިރާއެއް" ސައީދު ވިދާޅުވިއެވެ.

ރާއްޖެއަކީ 90 އިންސައްތަ ކަނޑުގެ ސަރަޙައްދު ހިމެނޭ ޤައުމަކަށްވާއިރު، މެރިޓައިމް ދާއިރާއަކީ ފަޙުރެއް ކަމުގައިވާ ވާންޖެހޭކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެމްއެސްއެސްއިން މަސައްކަތްކުރަމުންދަނީ ޝިޕިންގ ދާއިރާ ކުރިއަރުވަންކަމަށްވެސް ސައީދު ވިދާޅުވިއެވެ.