ދުނިޔޭގެ ވިޔަފާރި

އަންދާޒާކުރި މިންވަރަށްވުރެ ބޮޑު އާމްދަނީއެއް ޒޫމްއަށް ލިބިއްޖެ

ލަފާކުރިވަރަށް ވުރެ އިތުރަށް މިދިޔަ ކުއާޓަރުގައި ޒޫމް ކުންފުންޏަށް ފައިދާވެ، ހަތަރު ވަނަ ކުއާޓަރުގައިވެސް އިތުރަށް އާމްދަނީ ލިބޭނެކަމަށް އެކުންފުނިން ލަފާކޮށްފިއެވެ.

ކޯވިޑާއެކު ދުނިޔެއަށް މަޝްހޫރުވެގެންދިޔަ ވީޑިއޯ ކޮންފަރެންސިން އެޕްލިކޭޝަން ޒޫމްއަށް މިކުއާޓަރުގައި ލިބޭނެކަމަށް ވޯލް ސްޓްރީޓުން އަންދާޒާކުރީ، ހިއްސާއަކަށް 1.09 ޑޮލަރާއިއެކު އާމްދަނީގެ ގޮތުގައި 1.02 ބިލިއަން ޑޮލަރެވެ. ނަމަވެސް ޒޫމްގެ ތިންވަނަ ކުއާޓާގެ މަލީ ހިސާބުތަކަށް ބަލާއިރު ހިއްސާއަކަށް 1.11 ޑޮލަރު ވަނީ ޖެހިފައެވެ. އަދި އާމްދަނީގެ ގޮތުގައި 1.05 ބިލިއަން ޑޮލަރު މި ކުއާޓާގައި ވަނީ ލިބިފައެވެ.

އެކުންފުނިން މުޅިއަހަރަށް މީގެ ކުރީން ލަފާކޮށްފައިވަނީ 4.01 ބިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. ނަމަވެސް މިހާރު އަންދާޒާތަކަށް ބަަދަލު ގެނެސް، 4.08 ބިލިއަން ޑޮލަރުގެ އާމްދަނީއަކަށް ވަނީ ލަފާކޮށްފައެވެ.

ވީޑިއޯ ކޮންފަރެންސިން އެޕްލިކޭޝަން ޒޫމް ކުންފުންޏަށް ފައިދާވާން ފެށި ކޯވިޑް-19ގެ ޢާލަމީ ވަބާގެ ތެރެއިންނެވެ. އެގޮތުން ކުންފުނީގެ ހިއްސާގެ އަގު އުފުލި އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ ޢަދަދު އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. މިއާއެކު ކުންފުންނީގެ ހިއްސާތައް ގަތް މީހުން އަދަދުވެސް އިތުރުވެގެން ދިޔައެވެ. ނަމަވެސް މިހާރު ގިނަ ބަޔަކަށް ބޭރަށް ނިކުމެ އަދި މަސައްކަތަށް ނިކުމެވޭތީ ކުންފުންޏަށް ކުރިއެރުން ލިބެމުން އައި މިންވަރު ދަށްވާނެ ކަމަށް ގިނަ ބަޔަކު ލަފާ ކުރިއެވެ.

ޒޫމްއިން މިދިޔަ ޖުލައިމަހު ވަނީ ޓެލެފޯން ކަސްޓަމަރ ސަޕޯޓު ސޮފްޓްވެއަރ ކުންފުންޏެއް ކަމަށްވާ "ފައިވް ނައިން" ގަތުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ފައިވްނައިންގެ ހިއްސާދާރުންނަށް މިކަމުގެ ގެއްލުންވެދާނެކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެކުންފުނީގެ ހިއްސާދާރުން ވަނީ މިނިންމުމާއި ދެކޮޅު ހަދާފައެވެ.

ޒޫމްއިން މިހާރު އަމާޒު ހިފާފައިވަނީ ކޯވިޑުގެ ތެރޭގައި ލިބުނު ފައިދާ ބޭނުންކޮށްގެން ބޮޑެތި ވިޔަފާރިތަކަށް "ވާޗުއަލް ކޮންފަރެންސިން" ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކުރުމަށެވެ. އެކުންފުނީގެ އިވެންޓްސް އެޕްލިކޭޝަނާއެކު މައިކްރޯސޮފްޓުގެ ޓީމްސްއާއި ސިސްކޯ ވެބް-އެކްސް ފަދަ ސޮފްޓްވެއާރތަކާއި އެކުންފުނިން ދަނީ ވާދަކުރަމުންނެވެ.