ދުނިޔޭގެ ވިޔަފާރި

ސައިބާ ހަމަލާއާއެކު މިލިއަނަކަށް ވުރެ ގިނަ ވޯޑްޕްރެސް އެކައުންޓުތަކުގެ މަޢުލޫމާތު ހާމަވެދާނެ!


ވެބް ހޯސްޓު ގޯޑެޑީގެ ސާވަރުތަކަށް ދިން ސައިބާ ހަމަލާގެ ސަބަބުން ވޯޑްޕްރެސް ބޭނުންކުރާ މިލިއަނަކަށްވުރެ ގިނަ ފަރާތްތަކުގެ މަޢުލޫމާތު ހާމަވެދާނެކަމަށް ގޯ ޑެޑީ ކުންފުނިން ބުނެފިއެވެ.

އެކުންފުނިން މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ސެކިއުރީޓީ އެކްސްޗޭންޖް ކޮމިޝަނަށް މިފަދަ ކަމެއް ހިނގާފައިވާކަމަށް އެންގުމަށް ފޮނުވި ލިޔުންތަކުގައެވެ.

ގޯ ޑެޑީއަކީ 20 މިލިއަނަށްވުރެ ގިނަ މީހުން ބޭނުން ކުރާ ވެބް ހޯސްޓިން ޙިދުމަތެކެވެ. ރާއްޖޭގެވެސް ބައެއް ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުންވެސް ގޯ ޑެޑީގައި ވެބް ސައިޓުތައް ހޯސްޓު ކުރެއެވެ.

ގޯޑެޑީ ކުންފުނިން ބުނިގޮތުގައި އެކުންފުނީގެ ސިސްޓަމްގެ ތެރެއަށް ތިންވަނަ ފަރާތަކުން ވަދެފައިވާކަން ފާހަގަވީ މިމަހުގެ 17 ވަނަ ދުވަހު ކަމަށާއި، ނަމަވެސް މި ފަރާތްތަކުން މި ސިސްޓަމް ސެޕްޓެމްބަރުމަހު 6 ވަނަ ދުވަހުން ފެށިގެން ދިޔައީ ބޭނުން ކުރަމުންކަމަށެވެ. އަދި އެބަޔަކު ވަދެފައިވަނީ ކުރީގެ ޕާސްވޯޑެއް ބޭނުންކޮށްގެން ކަމަށާއި، މިހާރު މިކަމުގެ ސަބަބުން ހާމަވެފައިވާ މަޢުލޫމާތަކީ ކޮބާކަން ބަލައި، ވަދެގެން އުޅުނު ފަރާތް ސިސްޓަމްއިން ބޭރުކޮށްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. އަދި މިހާރު ތަހުޤީޤީ އިދާރާތަކާއެކު މިމައްސަލަ ބަލަމުންދާކަމަށްވެސް އެކުންފުނިން ބުނެއެވެ.

މިހާތަނަށް ބެލި ބެލިބެލުމުން ގޯ ޑެޑީގައި ރެޖިސްޓަރކޮށްފައިވާ ވޯޑް ޕްރެސް އެކައުންޓުތަކުގެ މަޢުލޫމާތު ހާމަވެފައިވާއިރު، އޮޅުވާލައިގެ މަޢުލޫމާތު ހޯދުމަށް ބޭނުންކުރާ ލިންކުތައް ފޮނުވާ މީހުންނަށް އެމެއިލްތައް ލިބި، އެކަމުގެ ފައިދާ ބަޔަކު ނެގުމުގެ ފުރުސަތު އޮތް ކަމަށް ގޯޑެޑީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ވޯޑް ޕްރެސް އެކައުންޓުތަކުގެ ލޮގިން އަދި ޕާސްވޯޑުވެސް ހާމަވެގެން ދިޔަކަމަށް އެކުންފުނިން ބުނެއެވެ. މިއާއިއެކު ކުންފުންޏަކުން ޙިދުމަތް ދިނުމަށް ބޭނުންކުރާ ވެބްސައިޓަކަށް ވަދެ އޮޅުވާލުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން ބައެއް ޑޭޓާބޭސް މަޢުލޫމާތުވެސް ވަނީ ހާމަވެފައެވެ. ގޯ ޑެޑީން ބުނީ މިހާރު އެކުންފުނީގެ ކަސްޓަމަރުންގެ ޕާސްވޯޑު އަދި ޕްރައިވެޓް ކީތައް ރީސެޓު ކުރަމުންދާ ކަމަށެވެ.