ރ. ވާދޫގައި މީދާ މަދުކުރުމުގެ ގޮތުން މީދާ ހިފުމުގެ މުބާރާތެއް ބާއްވަން ނިންމައި އެކަމުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ވާދޫއަކީ މީދާ ގިނަ ރަށަކަށް ނުވިނަމަވެސް ރައްޔިތުންނަށް މީދަލުގެ ސަބަބުން ލިބޭ އުނދަގޫތަކަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ މި މުބާރާތުން ވަނަތައް ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި އަމިއްލަ ގޮތުންނާއި ގްރޫޕް ހަދައިގެންނާއި އަދި ޖަމިއްޔާގެ ފަރާތުން ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
ވާދޫގައި ދިރިއުޅޭ މީހުންނަށް އެކަނި ބައިވެރިވެވޭ ގޮތަށް ބާއްވާ މި މުބާރާތް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުން އެއްވަނައަށް 3000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ދެވަނަ އަށް 2000 ރުފިޔާ ކަނޑައަޅާފައިވާއިރު 3 ވަނައަށް ދާ ފަރާތަކަށް 1000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެރަށު ކައުންސިލުން ވިދާޅުވީ އެއް ވަނަ ލިބޭނީ 200 އަށް ވުރެ ގިނަ މީދާ ހިފައިގެންކަމަށެވެ. ދެ ވަނަ ލިބެނީ 150 މީދާ ހިފައިގެން ކަމަށާއި، ތިން ވަނަ ލިބޭނީ 100 މީދާ ހިފައިގެން ކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ.
ވާދޫގައި އެންމެ ކުރިން މީދާ ހިފަމުން އައީ ރަށުގެ އެކި ތަންތަނަށް ބޭސް ލައިގެންނެވެ. ނަމަވެސް މިފަހަރު ރައްކާތެރިކަމާއެކު މީދާ ހިފުމުގެ މުބާރާތް ކުރިއަށް ގެންދާއިރު މި މުބާރާތުގައި ހިފާ މީދާތައް ނައްތާލަން ނިންމާފައި ވަނީ ރަށުގެ ކަނޑައެޅިފައިވާ ވަކި ސަރަހައްދެއްގައި ވަޅުލައިގެންނެވެ.
ރާއްޖޭގެ އެކި ރަށްރަށުގަިއ މީގެ ކުރިންވެސް ވަނީ މީދާ ނައްތާލުމުގެ މުބާރާތްތައް ކުރިއަށް ގެންގޮސްފައެވެ.