ޚަބަރު

ޗެރިޓީ ޝީލްޑް މެޗުން ފުޓްބޯޅަ ސީޒަން ފަށަނީ


މިއަހަރުގެ ފުޓްބޯޅަ ސީޒަން ޗެރިޓީ ޝީލްޑް މެޗުން ފަށާގޮތަށް ނިންމައިފިއެވެ.

އެފްއޭއެމްއިން ވަނީ ސީޒަންގެ ކަލަންޑަރު ރިވައިސްކޮށް ބަދަލުތަކެއް ގެނެސް އަލުން މިއަހަރުގެ ފުޓްބޯޅަ ސީޒަންގެ ކަލަންޑަރު އިޢުލާންކޮށްފައެވެ. ކުރިން އެފްއޭއެމްއިން ނެރުނު ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފުޓްބޯޅަ ސީޒަންގެ ފެށުމަށް ނިންމީ ރާއްޖޭގެ އެންމެ ޝަރަފްވެރި މުބާރާތްކަމަށްވާ ޕްރެޒިޑެންޓްސް ކަޕުންނެވެ. އެމުބާރާތް ކުރިން ތާވަލްކޮށްފައި އޮތީ މިއަންނަ މަހުގެ 15 ވަނަ ދުވަހު ފަށާގޮތަށެވެ. އަދި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭވޭ ޗެރިޓީ ޝީލްޑް މެޗް ކުޅުމަށް ތާވަލްކޮށްފައި އޮތީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.

ނަމަވެސް އެފްއޭއެމްއިން ކަލަންޑަރަށް ބަދަލުތަކެއް ގެނެސް އަލުން މިއަދު ނެރިފައިވާއިރު، މުބާރާތްތަކުގެ ތާރީހުތަކަށް ވަނީ ބަދަލްތަކެއް އައިސްފައެވެ. އެގޮތުން މިހާރު ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ޗެރިޓީ ޝީލްޑް މެޗުންނެވެ. މިމެޗް މިހާރު ކުޅުމަށް ނިންމާފައިވަނީ އަންނަ މަހުގެ 15ވަނަ ދުވަހުއެވެ. ޗެރިޓީ ޝީލްޑް މެޗްގައި ބައްދަލުކުރަނީ ލީގް ޗެމްޕިއަން މާޒިޔާ އާއި ލީގްގެ ރަނަރަޕް ކުލަބް ވެލެންސިޔާއެވެ. މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗް ކާމިޔާބުކުރީ މާޒިޔާއާ ވާދަކޮށް ކުލަބް އީގަލްސްއިންނެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރެޒިޑެންޓްސް ކަޕް ބޭއްވުމަށް ނިންމާފައިވާއިރު، މިމުބާރާތް މިހާރު ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 19 ވަނަ ދުވަހުއެވެ. 2017 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ބޭއްވި ފަހުން އެ މުބާރާތް ބާއްވާފައެއް ނުވެއެވެ. ކޮންމެ އަހަރަކުވެސް އެފްއޭއެމްއިން މިމުބާރާތް ބާއްވަން މަސައްކަތް ކުރެއެވެ. ނަމަވެސް އެކިއެކި ސަބަބުތަކާއި ހުރެ މުބާރާތް ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް މިއަހަރުގެ ސީޒަންގެ އެންމެ ފުރަތަމަ މުބާރާތެއްގެ ގޮތުގައި ކުޅެވޭނީ ޕްރެޒިޑެންޓްސް ކަޕްއެވެ. މިމުބާރާތް ކުރިއަށްދާނީ ލީގް ފޯމެޓަށެވެ. އެގޮތުން ލީގު ކުރިއަށްދާނީ މިދިޔަ ސީޒަންގައި ޕްރިމިއަރ ލީގްގައި ވާދަކޮށްފައިވާ އަށް ޓީމް، ކޮންމެ ޓީމްއެއް ކޮންމެ ޓީމްއަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމްއަށް ޗެންޕިއަންކަން ލިބޭ ގޮތަށެވެ.

ކަލަންޑަރު މިހާރު އޮތްގޮތުން ޕްރިމިއަރ ލީގް ފަށާނީ މިއަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. ކުރިން އެފްއޭއެމްއިން ނެރުނު ތާވަލްގައިވާ ގޮތުން ލީގް ފެށުމަށް ނިންމާފައިއޮތީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. މިދިޔަ ސީޒަންގައި ޕްރިމިއަރ ލީގް ކުޅުމަށް ނިންމާފައި އޮތީ ތިން ބުރަކަށެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން ސީޒަން ކުރުކޮށްލަން ޖެހުމާއި ގުޅިގެން އެފްއޭއެމްއިން ވަނީ ލީގްގެ ތިންވަނަ ބުރު ކެންސަލްކޮށް، އެފްއޭކަޕް އާއި ޕްރެޒިޑެންޓްސް ކަޕްވެސް ކެންސަލްކޮށްފައެވެ.

އާ ސީޒަންގައި އެފްއޭ ކަޕް ފެށުމަށް ހަމަޖެހިފައި ވަނީ މިއަންނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ ޖޫން 24 އިން ޖުލައި 23 އަށެވެ. އަދި ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މެޗުތައް ކުރިއަށްދާނީ ޖުލައި 27، 31 އަދި އޮގަސްޓް 4ގައެވެ. ކުލަބްތަކަށް އޭއެފްސީން ހާއްސަކޮށްގެން ކުރިއަށްގެންދާ އޭއެފްސީ ކަޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ މެއި 17 އިން 24 އަށެވެ. އަދި ގައުމީ ޓީމް ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗްތައް ކުޅޭނީ ޖޫން މަހުގެ ތެރޭގައެވެ. އޭއެފްސީ ކަޕްއާއި އޭޝިއަން ކަޕް ކޮލިފައިން މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގައެވެ.