ޚަބަރު

މިޔަންމާގެ އަސްކަރީވެރިޔާ ބައިވެރިނުކޮށް އާސިޔާނުން ޗައިނާއާ ބައްދަލުކޮށްފި


ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ މައްޗަށް އެކުލެވޭ އާސިޔާންގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބަައިވެރިވެވަޑައިގަތުމުގެ ދަޢުވަތު މިޔަންމާގެ އަސްކަރީވެރިޔާ މިން އައުންގް ހިޔަންގަށް އަނެއްކާވެސް ނުދިނުމަށް ނިންމައިފިއެވެ.

ވީޑިޔޯ މެދުވެރިކޮށް ޗައިނާގެ ރައީސް ޝީ ޖިންޕިން ބާއްވަވައި ބައްދަލުވުމުގައި މިޔަންމާގެ އަސްކަރީވެރިޔާ ބައިވެރިކުރުމަށް އާސީޔާނުންވަނީ ދެކޮޅުހަދައިފައެވެ. މިއީ އެއް މަސްދުވަހުގެ ތެރޭގައި އާސިޔާނުގެ ބައްދަލުވުމަކުން މިން އައުންގް ހިޔަންގަށް ފުރުޞަތު ނުލިބުނު ދެވަނަ ފަހަރެވެ. އެ ބައްދަލުވުމުގައި މިޔަންމާ ބައިވެރިކުރުމަށް އެ ޤައުމާއެކު ގާތްގުޅުމެއް އޮންނަ ޗައިނާއިންވަނީ ވަރަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އާސިޔާނުގައި ހިމެނޭ އިންޑޮނޭޝިޔާއާއި މެލޭޝިޔާއާއި ސިންގަޕޫރާއި ބުރޫނާއީންވަނީ އެ ކަމަށް ދެކޮޅުހަދައިފައެވެ.

ފެބުރުއަރީ މަހުގެ 1ވަނަ ދުވަހު މިޔަންމާގެ އިސްވެރިޔާ އަން ސަން ސޫ ކީގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބަޣާވާތްކުރުމަށްފަހު ސޫ ކީއާއި އެނާގެ ސަރުކާރަށް ނިޞްބަތްވާ އިސްވެރިންވަނީ ހައްޔަރުކޮށްފައެވެ. އެއަށްފަހު އަސްކަރިއްޔާއިންވަނީ އެ ޤައުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. އަސްކަރިއްޔާއިން ކުރި ބަޣާވާތް ނިމުމަކަށް ގެނެސް ސޫ ކީ މިނިވަންކުރުމަށް ގޮވާލައި މިޔަންމާގެ ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައެވެ. އެ މުޒާހަރާތައް ހުއްޓުވުމަށް އަސްކަރިއްޔާއިން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި 900އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގެ ޢާއްމުންނާ ދެކޮޅަށް ހިންގާފައިވަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއްކަމަށް އދން ބުނެފައިވެއެވެ.

އާސިޔާނުގައި ހިމެނޭ 10 ޤައުމުން ގުޅިގެންވަނީ މިޔަންމާގެ މައްސަލަ ޙައްލުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. ނަމަވެސް އެ ޤައުމުގެ އަސްކަރިއްޔާއިން އެއްބާރުލުން ނުދިނުމުގެ ސަބަބުން އެ މަސައްކަތްތައް ކާމިޔާބުވެފައެއް ނުވެއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން މީގެ ކުރިންވެސްވަނީ އެ ޤައުމުގައި އަނިޔާވެރި ދިގު ވެރިކަމެއް ކޮށްފައެވެ. ނަމަވެސް 50 އަހަރަށްފަހު އަސްކަރިއްޔާއިން ބާރުތައް ދޫކޮށްލައި 2015ވަނަ އަހަރުގެ ތެރޭގައި ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވީ ސޫ ކީއެވެ. އަދި އެއާއެކު މިޔަންމާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އެ ޤައުމަށް ބޭރުގެ މާލީ އެހީތެރިކަން ލިބެން ފަސޭހަވިއެވެ. ނަމަވެސް އޭގެ ފަހުން 2021ވަނަ އަހަރުގެ ތެރޭގައި ބޭއްވި އިންތިޚާބު ސޫ ކީ ކާމިޔާބުކުރެއްވުމުން އަސްކަރިއްޔާއިންވަނީ އަނެއްކާވެސް ބަޣާވާތްކޮށް ސިފައިންގެ ބާރުގެ ދަށަށް އެ ޤައުމު ގެންގޮސްފައެވެ.