ގްރޭޑް 8ގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ފެއަރއެއް ބާއްވައިފިއެވެ.
"ލޯންޗް ޔޯ ކެރިޔާ އެޓް ފިޝަރީޒް އެންޑް މެރިންރިސޯސަސް"ގެ ނަމުގައި ކުރިއަށް ގެންގޮސްފައިވާ ކެރިޔާ ގައިޑެންސް ޕްރޮގްރާމްގައި މާލޭގެ ސާނަވީ ތައުލީމްދޭ 11 ސްކޫލަކުން 330 ދަރިވަރުންނާއި ޓީޗަރުންނަށް ވަނީ ބައިވެރިވެފައެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ސާނަވީ ސްކޫލްތަކުގެ ގްރޭޑް 8 ގެ ދަރިވަރިންނަށް މަސްވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު އުނގެނުމަށް ހުރި ފުރުސަތުތަކާއި އަދި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ވަޒިފާގެ ފުރުސަތު ތަކާއި ގުޅޭގޮތުން، މި މަހުގެ 20 ވަނަ ދުވަހު މައުލޫމާތު ދެވިފައިވާކަމަށް އެ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.
މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ބޮޑު ދެ ކުންފުނި ކަމުގައިވާ މިފްކޯ އަދި އެންސިސް ފިޝަރީޒްގެ ފަރާތުން ހުރި އިންޓާންޝިޕްގެ ފުރުސަތުތަކުގެ މައުލޫމާތު ވެސް ވަނީ ދީފައެވެ. މި ފުރުސަތުތަކަކީ ސްކޫލު ނިންމާ މަތީ ސާނަވީ ތައުލީމު ހާސިލްކުރުމުގެ ކުރިން ހޭދަވާ ދުވަސްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.
މި ޕްރޮގްރާމްގެ ތެރެއިން، މަސްވެރިކަމުގެ ސިނާއަތަށް ޙިދުމަތްދެވޭނެ ތަފާތު ދާއިރާތަކާއި އެ ދާއިރާތަކުން ކުރިއަށް ދެވެން ހުރި ފުރުސަތުތަކާއި ބެހޭގޮތުން ވަނީ މައުލޫމާތު ދެވިފައެވެ. މަސްވެރިކަމުގެ ސިނާއަތުގައި ހިއުމަން ރިސޯސްގެ ދާއިރާ، އިންޖިނިއަރިންގެ ދާއިރާ، ޑައިވިންގ، ތިމާވެށީގެ ދާއިރާ އަދި މިނޫންވެސް އިތުރު ދާއިރާތަކުން ޝައުގުވެރިކަން ހުންނަ ދަރިވަރުންނަށް މަތީ ތައުލީމު އުނގެނިގެން މަސައްކަތް ކުރުމަށް ހުރި ފުރުސަތުތައް ވަނީ ކިޔައިދީފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ މަސްވެރިކަމުގެ ދާއިރާއާމެދު ދަރިވަރުން ދެކޭގޮތް ބަދަލުކުރުމާއި މިދާއިރާއަކީވެސް ކުރިއަށްދިއުމަށް ފަހި ފުރުސަތުތަކެއް އޮތް ރަނގަޅު ދާއިރާއެއްކަން ދަރިވަރުންނަށް އަންގައިދިނުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މި ޕްރޮގްރާމްގައި މައުލޫމާތު ދިނުމަށްޓަކައި މިފްކޯ އަދި އެންސިސް ފިޝަރިޒްގެ އިތުރުން މޯލްޑިވްސް މެރިން ރިސާޗް އިންސްޓްޓިއުޓްއިން ވަނީ ބައިވެރިވެފައެވެ.