ވިޔަފާރި

ސެޕްޓެމްބަރުމަހު، ގްރީން ފަންޑުން 63 މިލިއަން ރުފިޔާ ޚަރަދުކޮށްފި


މިއަހަރުގެ ސެޕްޓެމްބަރުމަހު ގްރީން ފަންޑުން 63 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމުކުރައްވާފައިވާ ގްރީން ފަންޑުގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ސެޕްޓެމްބަރުމަހު 40 މަޝްރޫއަކަށް ގްރީން ފަންޑުން ވަނީ ޚަރަދުކޮށްފައެވެ. މީގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

ސެޕްޓެމްބަރުމަހު ޚަރަދުކޮށްފައިވާ މިންވަރަކީ މިދިޔަ އޮގަސްޓުމަހު ގްރީން ފަންޑުން ކުރި ޚަރަދާ އަޅާ ބަލާއިރު، %91 އިތުރު އަދަދެކެވެ. އޮގަސްޓުމަހު ގްރީން ފަންޑުންވަނީ 32.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ގްރީން ފަންޑުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ޢަދަދަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިފައެވެ. އެގޮތުން އޮގަސްޓުމަހު ގްރީން ފަންޑުން ޚަރަދުކޮށްފައިވަނީ 25 މަޝްރޫޢަކަށެވެ. ސެޕްޓެމްބަރުމަހު މިޢަދަދުވަނީ 40އަށް އަރާފައެވެ.

ގްރީން ފަންޑު ރިޕޯޓުން ދައްކާގޮތުން ސެޕްޓެމްބަރުމަހު އެފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ގދ.ތިނަދޫ ފެން ހިންދުމުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢަށެވެ. މި މަޝްރޫއަށް 12.8 މިލިއަން ވަނީ ޚަރަދުކޮށްފައެވެ. 2ވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ވ.ކެޔޮދޫ ފެނާއި ނަރުދަމާގެ މަސައްކަތަށެވެ. އެއީ 5.9 މިލިއަން ރުފިޔާއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ.

ސެޕްޓެމްބަރުމަހު ގްރީން ފަންޑަށް 72.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ގްރީން ފަންޑަށް އެންމެ ބޮޑު ޢާމްދަނީއެއް ޖުލައިމަހު ލިބިފައިވަނީ ކ.އަތޮޅުންނެވެ. އެއީ 27.3 މިލިއަން ރުފިޔާއެވެ. 2ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އދ.އަތޮޅުންނެވެ. އެއީ 7.6 މިލިއަން ރުފިޔާއެވެ. ސެޕްޓެމްބަރުމަސް ނިމުނު އިރު ގްރީން ފަންޑުގައި ހުރީ ޖުމްލަ 795 މިލިއަން ރުފިޔާއެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.