ޚަބަރު

ވ.ތިނަދޫ އައު އިންޖީނުގެއިން ޚިދުމަތްދޭން ފަށައިފި


ސްޓެލްކޯއިން އުފެއްދި ޖަނަރޭޓަރާއެކު، ވ.ތިނަދޫ އައު އިންޖީނުގެއިން ޚިދުމަތްދޭން ފަށައިފިއެވެ.

ތިނަދޫގެ އައު އިންޖީނުގެއިން ޚިދުމަތްދޭން ފަށާފައިވަނީ ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން އެސެމްބަލްކުރި، ޖަނަރޭޓަރުތަކުގެ ތެރެއިން STW500 މޮޑެލްގެ މުޅިން އައު ޖަނަރޭޓަރަކާއެކުކަމަށާ މި ޖަނަރޭޓަރަކީ ސްޓެވޯއިން މިހާތަނަށް އެސެމްބަލްކުރި ޖަނަރޭޓަރު ތަކުގެ ތެރެއިން، ކޮމިޝަންކޮށް ބޭނުން ކުރަންފެށި ފުރަތަމަ ޖަނަރޭޓަރުކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

މިވަގުތު ތިނަދޫއަށް މި ޖަނަރޭޓަރުން ޚިދުމަތް ދެމުންގެންދާއިރު، މި ޖަނަރޭޓަރާއެކު، ތިނަދޫގެ ޖުމްލަ ކަރަންޓު ކެޕޭސިޓީ 1136kW ވަނީ އިތުރުކުރެވިފައެވެ.

މީގެ ކުރިން ތިނަދޫގެ ކެޕޭސިޓީއަކީ، 656kW ވޯލްޓްކަމަށާ، މިހާރު ބައު އިންޖީނުގޭގައި ހުރި ޖަނަރޭޓަރުސެޓްތައް އައު އިންޖީނުގެއަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ. ތިނަދޫ ބައު އިންޖީނުގޭގައި ހުރި ޖަނަރޭޓަރުތައް އައު އިންޖީނުގެއަށް ބަދަލު ކުރެވުމާއެކު، ބައު އިންޖީނުގެ ބޭނުން ކުރުން މުޅިން ހުއްޓާލާނެ ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ.

ތިނަދޫގެ އައު އިންޖީނުގެ ބޭނުންކުރަން ފަށާފައިމިވަނީ ތިނަދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްވެސް އަޕްގްރޭޑް ކުރުމަށްފަހުގައެވެ. މީގެ އިތުރުން ތިނަދޫ އިންޖީނުގޭގައި ސޯލާ ޕެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް މިވަގުތު ކުރަމުން ދާކަމަށާ، 20kW ގެ ސޯލާ އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.