ވޭތުވެދިޔަ 3 އަހަރަކީ އެމްޑަބްލިއުއެސްސީގެ ތާރީޚުގައިވެސް އެންމެ ގިނަ މަޝްރޫޢުތައް ހިންގި 3 އަހަރުކަމުގައި އެކުންފުނިން ވިދާޅުވެއްޖެއެވެ. އަދި މިވަގުތުވެސް ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ކުރިއަށްދާކަންވެސް އެކުންފުނިން ފާހަގަކުރައްވައެވެ.
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އަކީ މާލެއާއި އަތޮޅުތަކުގެ ރަށްތަކަށް ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މައިކުންފުންޏެވެ. ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ރައްކާތެރި ނަރުދަމާގެ ނިޒާމެއް ނެތުމުގެ މައްސަލައެވެ. ގުދުރަތީ ފެންފަށަލަ ހަލާކުވެ ފެން ތަޣައްޔަރުވެފައި ވުމުގެ ސަބަބުން ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
މީގެ ކުރިން މާބޮޑު ސަމާލުކަމެއް މިކަމަށް ދެވިފައި ނުވުމުގެ ސަބަބުން ގިނަ ރަށްރަށުގައި ނަރުދަމާގެ ރަނގަޅު ނިޒާމެއް ޤާއިމުވެފައެއްނެތެވެ. މިކަމަށް ޙައްލެއް ގެންނެވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެކެވެ. އެމަނިކުފާނުގެ އަމާޒަށް ވާސިލުވުމަށް އެމްޑަބްލިއުއެސްސީން އަންނަނީ ގޮންޖެހުންތަކާއެކުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަސައްކަތުގައި ވޭތުވެދިޔަ 3 އަހަރަކީވެސް ފާހަގަކޮށްލެވޭ 3 އަހަރެވެ.
އެމްޑަބްލިއުއެސްސީއިން ވިދާޅުވީ މިވޭތުވެދިޔަ 3 އަހަރުތެރޭގައި 31 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިކަމަށެވެ. މީގެތެރޭގައި 23 ރަށެއްގެ ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމާއި 6 ރަށެއްގައި ފެނުގެ ނިޒާމު އަދި 2 ރަށެއްގައި ނަރުދަމާ ޤާއިމުކުރުގެ މަސައްކަތް ހިމެނޭކަމަށް އެމްޑަބްލިއުއެސްސީއިން ވިދާޅުވެއެވެ. މިމަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ކުރިއަށްދާއިރު ބައެއް މަޝްރޫޢުތައް މިހާރުވަނީ ނިމުމަކާ ހިސާބަށް ގޮސްފައިކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މީގެކުރިން މަސައްކަތް ފަށާފައިވާ ދެ ރަށުގެ މަސައްކަތްކަމަށްވާ އއ.ރަސްދޫ ފެނުގެ ނިޒާމު ޤާއިމުކުރުމާއި ޅ.ކުރެންދޫ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމައި ސަރުކާރާ ޙަވާލުކޮށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.
އެކުންފުންނިންގ ކުރިއަށްގެންދާ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން 3000ގެއަކަށް ފެން ގުޅާއިދިނުމާއި 3000 ގެއަކަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމަށް ހަމަޖެހިފައިވާކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. މިއީ 1.8 ބިލިއަން ރުފިޔާގެ މަސައްކަތްކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.
މިމަޝްރޫޢުތައް ނިމިގެންދާއިރު ރަށްރަށަށް ކުރިމަތިވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަތައް ޙައްލުވެގެންދާނެކަމަށް އެމްޑަބްލިއުއެސްސީއިން ވިދާޅުވެއެވެ. އެއްވެސް ރަށެއްގެ އާބާދީގެ ކުޑަ ބޮޑު މިނަކަށް ބެލުމެއްނެތި ސަރުކާރުން މިމަސައްކަތް ކުރިއަށް ގެންދަނީ މި ދައުރު ނިމިގެންދާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އަމާޒުގައެވެ. މިކަމަށް ކުރިމަތިވި އެންމެބޮޑު ގޮންޖެހުމަކީ ކޯވިޑްގެ ޙާލަތާއެކު ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމެވެ. އެއާއެކު މަސައްކަތަށް ބޭނުންވާ ސާމާނު ލިބުމުގަ ބޮޑެތި ދަތިތަކެއް ކުރިމަތިވެ މަސައްކަތްތައް ލަސްވިކަން އެކުންފުނިންގ ފާހަގަކުރައްވައެވެ.