ދުނިޔޭގެ ވިޔަފާރި

އެމެރިކާގައި ހިންގާ 900 ބޭސް ފިހާރައެއް ސީވީއެސްއިން ބަންދު ކުރަނީ!


އެމެރިކާގެ އެންމެ ބޮޑު ބޭސްފިހާރަ ޗެއިން ސީވީއެސްއިން އެކުންފުނީގެ 900 ފިހާރައެއް ބަންދު ކުރުމަށް ނިންމައިފިއެވެ.

ސީވީއެސްގެ 900 ފިހާރައެއް ބަންދު ކުރަން ނިންމާފައިވަނީ އެކުންފުނީން ދޭ ސިއްޙީ ޚިދުމަތް އިތުރަށް ފުޅާ ކުރުމަށެވެ. އެގޮތުން ކުރިއަށްއޮތް ތިން އަހަރުގެ ތެރޭގައި އެކުންފުނީގެ 900 ފިހާރަ ބަންދު ކުރާނެއެވެ.

ފިހާރަތައް ބަންދު ކުރުމަށް ހަމެޖެހިފައިވަނީ އަންނަ އަހަރު ކުރީކޮޅުން ފެށިގެންނެވެ. މިއީ ކުންފުނިން އެމެރިކާގައި ހިންގާ ބޭސް ފިހާރަތަތަކުގެ ތެރެއިން %10 ފިހާރައެވެ. އެކުންފުނިން ބަންދު ކުރާނެ ވަކި ފިހާރަތަކެއް އަދި ނިންމާފައި ނުވެއެވެ.

އެމެރިކާގެ ސީވީއެސް ފިހާރަތަަކަކީ ބޭސް ވިއްކުމުގެ އިތުރަށް އާންމު މުދާތައްވެސް ވިއްކާ ފިހާރަތަކެވެ. މީގެ އިތުރަށް ސިއްޙީ ޚިދުމަތުގެތެރެއިން އެކި ފެންވަރުގެ ޚިދުމަތް މި ފިހަރާތައް މެދުވެރިކޮށް ލިބެއެވެ. ސީވީއެސް ކުންފުނީގެ ޗީފް އެގްޒެކެޓިވް ކެތެރިން ލިންޗް މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިއީ އެކުންފުނިން ގެންނަން ކުރިންވެސް ނިންމާފައިވާ ބަދަލެއް ކަމަށާއި، މި ބަދަލާއިއެކު ފިހާރަތަކަށް ބޮޑަށް އަޅާލެވި، މުޖުތަމަޢުގެ ތެރޭގައި ކުންފުންޏަށް ދެވޭ ޚިދުމަތް ފުޅާ ކުރެވިގެންދާނެ ކަމަށެވެ.

ސީވީއެސްއިން ސިއްޙީ ޚިދުމަތް ފުޅާކޮށްފައިވަނީ މިދިޔަ 2018ވަނަ އަހަރު އެކުންފުނީގެ ދަށަށް އިންޝުއަރެންސް ކުންފުނި އެއިޓްނާ ގެނައި ފަހުންނެވެ. އެމެރިކާގައި ކޯވިޑް ފެތުރިގެން ދިޔައިއިރު ސީވީއެސް ފަދަ ބޭސް ފިހާރަތަކުން ބަލިމީހުންނަ ފަރުވާ ދިނުމާއި ސިއްޙީ އެހީތެރިކަން ވަރަށް ބޮޑަށް ފޯރުކޮށްދީފައިވެއެވެ.

މުޅި އެމެރިކާގައި ސީވީއެސް ކުންފުނީގެ 9900 ފިހާރަވެއެވެ. މީގެ ތެރެއިން 900 ފިހާރަ ބަނދުކުރި ކަމުގައި ވިއަސް ދެންހުރި ފިހާރަތަކުން ޚިދުމަތް ފުޅާ ކުރާނެކަމަށް އެކުންފުނިން ބުނެއެވެ. އެކުންފުންޏަކީ މިހާރުވެސް އެމެރިކާގެ އެންމެ ބޮޑު ބޭސްފިހާރަ ޗެއިންއެވެ.