ޚަބަރު

ނައިބް ރައީސް ހއ އާއި ހދ ގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހއ އާއި ހދ ގެ ބައެއް ރަށްރަށަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ހއ. ހޯރަފުށްޓަށެވެ. ހޯރަފުށްޓަށް ވަޑައިގެން އެމަނިކުފާނު ވަނީ ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް ރަސްމީގޮތުން ފަށްޓަވައިދެއްވާފައެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ ހޯރަފުށީ އެއަރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.

އެއަށްފަހު ހދ. ނެއްލައިދުއާއި ވައިކަރަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ. މި ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި އެކި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން އެ ރަށްރަށުގައި ކުރިޔަށްދާ ތަރައްޤީގެ މުހިންމު ބައެއް މަޝްރޫޢުތައް ބައްލަވާލައްވައި މުއައްސަސާތަކަށް އެމަނިކުފާނު ޒިޔާރަތްކުރައްވާފައިވެއެވެ.

އަދި މިދަތުރުފުޅުގެ އެންމެ ފަހު މަންޒިލްކަމަށްވާ ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޔޫ.އެން.އެފް.ޕީ.އޭ.ގެ އެހީގައި ޤާއިމުކުރި ދަރިމައިވުމުގެ ޞިއްޙަތާއި ގުޅޭ މަރުކަޒު " އުފަންވެނި ޞިއްޙަތު" އެމަނިކުފާނު އިފްތިތާޙްކޮށްދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ބައިވެރިވެވަޑައިގެންނެވިއެވެ.