ވިޔަފާރި

އެމްއެސްއެސްގެ އަމިއްލަ ބޯޓުގެ ފުރަތަމަ ދަތުރަށް ލަންކާއިން މުދާ ބަރުކުރަނީ


ސަރުކާރުގެ ޝިޕިން ކުންފުނި މޯލްޑިސް ސްޓޭޓް ޝިޕިންއިން އަލަށް ގެނައި އެކުންފުނީގެ އަމިއްލަ ފުރަތަމަ ބޯޓު ދަތުރުތައް ފަށައިފިއެވެ.

އެމްއެސްއެސްއިން އަމިއްލަ ބޯޓެއް ގެނައުމަށް ނިންމާފައިވަނީ އެކުންފުނިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުހެޔޮކޮށް، ފަސޭހަކަމާއެކު މުދާ އެތެރެ ކުރެވޭނެ އިންތިޒާމު ފަހިކުރުމަށް ކަމަށެވެ. އެކުންފުނިން މިހާރު ރާއްޖެއަށް މުދާ އެތެރެކޮށް ބޭނުންކުރަމުން އަންނަނީ ޗާޓަރ ބޯޓެއްގައި ކަމަށް އެމްއެސްއެސްއިން މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު އެމްއެސްއެސްގެ އައު ބޯޓު ރާއްޖެ ގެނައެވެ.

މި ބޯޓަކީ އެމްއެސްއެސްގެ ފުރަތަމަ އަމިއްލަ ބޯޓެވެ. މި ބޯޓުގައި އެއްފަހަރާ 450 ކޮންޓެއިނަރ އުފުލޭނެ ކަމަށް އެމްއެސްއެސްއިން ވަނީ މީގެ ކުރިން ބުނެފައެވެ. މި ބޯޓުގެ މައިގަނޑު ދަތުރުތައް ރޭވިފައި އޮތީ ރާއްޖެ އާއި ލަންކާއާ ދެމެދުއެވެ. އެމްއެސްއެސްއިން ހާމަކޮށްފައިވާ ގޮތުގައި މިވަގުތު ބޯޓުގެ ފުރަތަމަ ދަތުރަށް މުދާ ބަރުކުރުމަށް އޮތީ ލަންކާ ބަނދަރުގައެވެ. މިއީ އެމްއެސްއެސްގެ އަމިއްލަ ބޯޓަކުން މި ދަތުރު ކުރާ ފުރަތަމަ ފަހަރަށްވުމުން މިއީ ފަޚުރުވެރި ވަގުތެއް ކަމަށް އެކުންފުނިން ބުނެއެވެ.

އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސަޢީދު ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެމްއެސްއެސްގެ އަމިއްލަ ބޯޓުގެ ފުރަތަމަ ދަތުރަށްވުމުން މިކަން ލަންކާގެ ބަނދަރުން ވަރަށް ބޮޑަށް ފާހަގަކޮށްފައިވާ ކަަމަށެވެ. އެގޮތުން މިކަމާއި ގުޅިގެން ހަނދާނީ ފިލާއެއްވަނީ ދީފައެވެ. މިއީ އެކުންފުނީގެ ތާރީޚުގެވެސް އެންމެ މުހިންމު ދަތުރުކަމަށް އެކުންފުނިން ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިދަތުރުތައް އިތުރު ސަރަހައްދުތަކަށް ފުޅާކޮށް އިތުރު ބޯޓުތަކާއެކު މަސައްކަތް ކުރުމަށް ކުންފުނިން އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެސްއެސްގެ ފްލީޓުގައި މުދާ އުފުލާ ކޮންޓެއިނަރ ބޯޓުގެ އިތުރުން ޖެނެރަލް ކާގޯ އުފުލުމަށްވެސް ބޯޓްތައް އަންނަނީ ބޭނުންކުރަމުންނެވެ. އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ބޯޓްތައް ބޭނުންކުރަމުން އަންނަނީ ބަސްތާތަކުގައި ހުންނަ މުދާ އުފުލުމަށްކަމަށާއި މި ބޯޓްތައް މިހާރު ދަތުރުކުރަމުން އަންނަނީ އިންޑިއާގެ ޓުޓިކޮރިންއިން ސިދާ އައްޑޫ ސިޓީއަށް މުދާ ގެންދިޔުމަށެވެ. މި ގޮތަށް ދަތުރުކުރުމުން އައްޑޫ ސިޓީއަށް ގެންދެވޭ މުދަލުގެ އަގު 50 އިންސައްތަ ކުޑަވެގެންދާކަން ފާހަގަކުރައްވަމުން އެކުންފުނިން ވިދާޅުވީ މި ދަތުރުތަކާއެކު އައްޑޫގެ ވިޔަފާރިވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެން އަންނަކަމަށެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިނުގެ އަމާޒަކީ އެކުންފުނިން މިހާރު ބޭނުން ކުރަމުން އަންނަ ޗާޓަރު ބޯޓުތައް އެއްކޮށް ދޫކޮށްލުމެވެ. އެގޮތުން، މިހާރު ގެނެސްފައިވާ އެމްއެސްއެސް ގަލެނާގެ އިތުރުންވެސް ބޯޓެއް ހޯދުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޚިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ އޮންނަ ކުންފުންޏެކެވެ. ބާކީ އޮތް 0.01 އިންސައްތައަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.