ކުޅިވަރު

އޮސްޓްރޭލިއަން އޯޕަންގައި ވެކްސިން ނުޖަހާ ކުޅުންތެރިންނަށް ނުކުޅެވޭނެ: ޓިލޭ


އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވެކްސިން ނުޖަހާ އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެކަމަށް މުބާރާތުގެ ޑިރެކްޓަރ ކްރެއިގް ޓިލޭ ހާމަކޮށްފިއެވެ. މިއާއެކު މިމުބާރާތުގައި ވެކްސިން ނުޖަހާ ކުޅުންތެރިންނަށް ކުޅެވޭނެތޯ އުފެދިފައިވި ސުވާލަށް މިވަނީ ރަސްމީ ޖަވާބެއް ލިބިފައެވެ.

ވޭތިވެދިޔަ ދެތިން މަހު މިކަމާއި ގުޅިގެން އޮސްޓްރޭލިއާ އާއި ޓެނިސް ކުޅުންތެރިންގެ މެދުގައި ތަފާތު ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. ޚާއްސަކޮށް އޮސްޓްރޭލިއާގެ ސިޔާސީ ފަރާތްތަކުން ވަނީ މިއަންނަ އަހަރުގެ މުބާރާތުގައި ވެކްސިން ނުޖަހާ ކުޅުންތެރިން ބައިވެރި ނުކުރަން ގޮވާލަމުންނެވެ. އެންމެފަހުގެ ޗެމްޕިއަން އަދި ދުނިޔޭގެ އެއްވަނަ ފިރިހެން ކުޅުންތެރިޔާ ކަމަށްވާ ނޯވަކް ޖޯކޮވިޗް ވަނީ އޭނާގެ ވެކްސިންގެ ތަފްސީލް ހާމަކުރަން ދެކޮޅު ހަދާފައެވެ. އަދި އެކަން އެހެން ވެއްޖެނަމަ މި މުބާރާތް ދިފާއު ކުރަން މިއަންނަ އަހަރު ޖޯކޮވިޗް ނުކުތުމުގެ ފުރުސަތެއް ނޯންނާނެއެވެ.

ޓިލޭ ބުނީ މިއަންނަ އަހަރުގެ މުބާރާތުގައި ޖޯކޮވިޗް ކުޅޭ ނަމަ އޭނާވެސް ޖެހޭނީ ވެކްސިން ޖަހަން ކަމަށާއި އަދި އޭނާ މިމުބާރާތުގައި ކުޅޭތަން ދެކެން ވަރަށް ބޭނުންވާކަމަށެވެ. އަދި މިއަންނ އަހަރުގެ މުބާރާތުގައި ސްޓޭޑިއަމްތައް ފުރެންދެން ކުޅިބެލުންތެރިން ވައްދާނެކަމަށްވެސް ޓިލޭ ވަނީ ހާމަކޮށްފައެވެ.