ސަރަޙައްދީ އެއަރޕޯޓުތައް ސެޓިފައިކުރުމަށް ކުރާ މަސައްކަތުގައި އެންމެ ފުރަތަމަ ސެޓިފައިކުރި އެއަރޕޯޓަކަށް ހޯރަފުށީ އެއަރޕޯޓްވެފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއިން ވިދާޅުވެއްޖެއެވެ.
ހޯރަފުށީ އެއަރޕޯޓަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން ރީޖަނަލް އެއަރޕޯޓްސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ އެކުންފުނިން ބަލަހައްޓަމުން އަންނަ އެހެން އެއަރޕޯޓްތައް ސެޓިފައިކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ.
ރިޒްވީ ވިދާޅުވީ ރާއްޖޭގައި ހިންގާ އެއަރޕޯޓުތަކަކީ ރީޖަނަލް ފެންވަރުގައި އެއަރޕޯޓް ސްޓޭންޑަޑަށް ފެތޭ އަދި ސެޓިފައި ކުރެވިފައިވާ އެއަރޕޯޓުތަކަކަށް ހެދުމަށް ބޮޑެތި މަސައްކަތްތަކެއް އެކުންފުނިން ފަށާފައި ވާކަމަށެވެ. މިމަސައްކަތުގެ ދަށުން ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ބަލަހައްޓަމުން އަންނަ 7 އެއަރޕޯޓުގެ ތެރެއިން އެންމެ ފުރަތަމަ ސެޓިފައިކުރެވިފައިވަނީ ހޯރަފުށީ އެއަރޕޯޓުކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިވަގުތުވެސް ފުވައްމުލަކު އެއަރޕޯޓު ސެޓިފައިކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާ، އަމާޒަކީ ކުރިއަށް އޮތް އަހަރުދުވަހުގެތެރޭގައި އެކުންފުނިން ހިނގަމުން އަންނަ އެހެން އެއަރޕޯޓުތައްވެސް ސެޓިފައިކުރުންކަމަށް ރިޒްވީ ވިދާޅުވިއެވެ.
ހޯރަފުށީ އެއަރޕޯޓު މިހާތަނަށް ބޭނުންކުރެވެނީ ހަމައެކަނި ދުވާލުގެ ގަޑިތަކުގައެވެ. ރޭގަނޑުގެ ގަޑިތަކުގައި އެއަރޕޯޓު ބޭނުންކުރުމަށް ޤާއިމުކުރަންޖެހޭ ނައިޓްލައިޓްސް ހަރުކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ނިންމައި އަންނަ އަހަރު، ރޭގަނޑު އެއަރޕޯޓު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންގެންދަވާކަމަށް ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ވިދާޅުވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވީ މިމަސައްކަތް ކުރުމަށް ސިވިލް އެވިއޭޝަން އޮތޯރިޓީއާއި މިނިސްޓްރީގެ ތެރެއިން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފުރިހަމަގޮތުގައި ދެއްވާނެކަމަށެވެ.
ހޯރަފުށީ އެއަރޕޯޓަށް އަހަރުވީއިރު މިއެއަރޕޯޓާއެކު އިހަވަންދިއްޕޮޅަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ހޯރަފުށީ ރައްޔިތުން ޤަބޫލުކުރެއެވެ. އެއަރޕޯޓާއެކު ރަށުގައި ވަޒީފާގެ ފުރުސަތު އިތުރުވެފައިވެއެވެ. ބޭސްފަރުވާއަށް މާލެއަށް ދާންޖެހޭ މީހުންނަށް އިތުރު ފަސޭހައިން ދަތުރުކުރެވޭނެ މަގުފަހިވެފައިވާކަމަށް ހޯރަފުށީ ރައްޔިތުން ބުނެއެވެ. ހޯރަފުށީ އެއަރޕޯޓަށް އެއް އަހަރުވުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ ރީޖަނަލް އެއަރޕޯޓްސްގެ ފަރާތުން ނައިބު ރައިސް ފައިސަލް ނަސީމަށްވަނީ ޚާއްސަ ފިލައެއް އަރުވާފައެވެ. އަދި ދުވަހާ ގުޅިގެން އެއަރޕޯޓް ސަރަޙައްދުގައިވަނީ ގަސްއިންދުމުގެ ޙަރަކާތެއް ކުރިއަށްގެންގޮސްފައެވެ.
ހޯރަފުށީ އެއަރޕޯޓު ހުޅުވިތާ އަހަރުވެގެންދިޔައިރު މިވަގުތުވެސް މިރަށުގައި 9 މަޝްރޫޢެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން އައިސްޕްލާންޓާއި ބޮޓްލިންގ ޕްލާންޓްގެ މަސައްކަވެސް އަންނަނީ ކުރަމުންނެވެ. މީގއިތުރުން ގެސްޓް ހައުސްތަކުގެ ބިންތައް ޙަވާލުކުރުމުގެ މަސައްކަތާއި ޓާފް ދަނޑު ހެދުމާއި ޕޯޓުތަރައްޤީކުރުމާއި ބަނދަރު ގޮނޑުދޮށާއި އެއަރޕޯޓް ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މީގއިތުރުން ރަށުގެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމާއި ބިންހިއްކުމަކީ މިރަށު ރައްޔިތުން ކުރަމުން އަންނަ އުއްމީދެއްކަމަށް ހޯރަފުށީ ކައުންސިލުން ވިދާޅުވެއެވެ.