ވިޔަފާރި

ފެރީ ޓާމިނަލް ސަރަހައްދުގެ ޕާކިން ޒޯންތަކުން ނަގާފީ ބޮޑު ކުރަނީ


މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދާއި މާލޭގައި ހުންނަ ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގެ ޕާކިން ޒޯންތަކުން ނަގާފީ ބޮޑު ކުރުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީ އިން ނިންމަވައިފިއެވެ. އެ ދެ ޓާމިނަލްގައި ޕާކު ކުރާ އުޅަނދުތަކުން ފީގެ ގޮތުގައި އެމްޓީސީސީން މިހާރު ނަގަމުން އަންނަނީ ސައިކަލަކަށް 200 ރުފިޔާ އަދި ކާރަކަށް 1500 ރުފިޔާއެވެ. އެމްޓީސީސީން މިހާރު ނިންމަވާފައިވަނީ ޕާކް ކުރާ އުޅަނދުތަކުގެ ތެރެއިން ސައިކަލަކުން މަހަކު 500 ރުފިޔާ އަދި ކާރަކުން މަހަކު 3500 ރުފިޔާ ނެގުމަށެވެ. ކާރާއި ސައިކަލުން މަހަކަށް ނަގާ ފީ ބޮޑު ކުރި ނަމަވެސް ވަގުތީ ގޮތުން ޕާކު ކުރާ އުޅަނދުތަކަށް ގަޑިއިރަކަށް ނަގާ ފަސް ރުފިޔާއަށް ބަދަލެއް ގެނެސްފައެއް ނުވާކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައެވެ. ވަގުތީ ގޮތުން ޕާކް ކުރެވޭނީ ގިނަވެގެން ތިން ގަޑި އިރަށެވެ.މި ގެނެވުނު ބަދަލަށް އަމަލު ކުރަން ފަށާނީ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައެވެ.