ދުނިޔޭގެ ވިޔަފާރި

ފަތުރުވެރިކަން ހުއްޓުމަކަށް އައުމުން އޭޝިއާގެ 5 ޤައުމަކުން 1.6 މިލިއަން ވަޒީފާ ގެއްލުނު: އައިއެލްއޯ


ކޯވިޑާއި ގުޅިގެން މިދިޔަ އަހަރު ދުނިޔޭގެ ފަތުރުވެރި ކަމަށް ކުރި އަސަރުގެ ސަބަބުން އޭޝިއާގެ 5 ޤައުމަކުން، 1.6 މިލިއަން ވަޒީފާ ގެއްލިގެންގޮސްފައިވާ ކަމަށް އައިއެލްއޯއިން ހާމަކޮށްފިއެވެ.

އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައިއެލްއޯއިން ނެރުނު ރިޕޯޓަކުން ދައްކާގޮތުގައި، ފިލިޕީންސް، ވިއެޓްނާމް، ތައިލޭންޑު، ބުރުނާއީ އަދި މޮންގޯލިއާގައި ގެއްލުނު ވަޒީފާތަކުގެ ނިސްބަތުން ތިންބައިކުޅަ އެއްބައި ވަޒީފާއަކީ ފަތުރުވެރިކަމުގެ ސިނާއަތުން ގެއްލުނު ވަޒީފާތަކެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގެއްލުނު ވަޒީފާތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އަންހެނުންނަށް ކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

މި ރިޕޯޓާއި ގުޅޭގޮތުން އައިއެލްއޯގެ އޭޝިއާ އަދި ޕެސިފިކްއަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރ ޗިހޯކޯ އަސާޑާ ވިދާޅުވީ އޭޝިއާ ޕެސިފިކް ޤައުމުތަކުގައި ވެކްސިންދޭ މިންވަރު އިތުރުވެ، ފަތުރުވެރިންނަށް ޤައުމުތަކުގެ ބޯޑަރުތައް އަލުން ހުޅުވާލަމުން ދިޔަ ނަމަވެސް، ކޯވިޑުގެ ކުރިން ފަތުރުވެރިކަން އޮތް ހާލަތަށް ރުޖޫޢަވާން ދުވަސް ނަގާނެ ކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑާއި ގުޅިގެން، ބުރުނާއީގައި ވަޒީފާގެ ފުރުސަތުތައް 40 އިންސައްތައަށް ދަށްވިއިރު، މަސައްކަތްކުރާ އެވްރެޖް ގަޑިތަކުގެ އަދަދު 21 އިންސައްތައަށް ދަށަށް ދިޔައެވެ.

ފިލިޕީންސްގައި ފަތުރުވެރިކަމުގައި ދާއިރާގެ ވަޒީފާތަކުގެ ނިސްބަތް 28 އިންސައްތައަށް ދަށްވިއިރު، ވިއެޓްނާމްގައި ހުރިހާ ދާއިރާއެއްގެ ވަޒީފާތަކުގެ މުސާރަ 18 އިންސައްތައަށް ވަނީ ދަށްވެފައެވެ.

ކޯވިޑާއި ގުޅިގެން މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށްވަނީ އަސަރުކޮށްފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑުގެ ކުރީގެ އަދަދުތަކާއި އަޅާ ބަލާއިރު، މިދިޔަ ސެޕްޓެމްބަރުމަހު އޭޝިއާގެ ޤައުމުތަކަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 99 އިންސައްތަވަނީ ދަށަށްގޮސްފައެވެ.