ޚަބަރު

އައްސޭރިޖަލުގައި އާސަންދައިގެ ޚިދުމަތް ތައާރަފްކޮށްފި


މާލެ އަތޮޅު ހިންމަފުށީ އައްސޭރި
ޖަލުގައި ފެން ޕްލާންޓަކާއި، އޮފީސް އިމާރާތެއް ހުޅުވައި، ޖަލަށް އާސަންދައިގެ
ޚިދުމަތް ތައާރަފްކޮށްފިއެވެ.

ހިންމަފުށީ އައްސޭރި ޖަލުގެ ހިންގުން ހަރުދަނާކޮށް، ދޭ ޚިދުމަތްތައް ރަނގަޅު
ކުރުމުގެ ގޮތުން ޖަލަށް ޚާއްސަ ފެން ޕްލާންޓަކާއި، އޮފީހެއް ހުޅުވާ، އާސަންދައިގެ
ޚިދުމަތް ތައާރަފް ކޮށްދެއްވީ، މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު ހުޝާމެވެ.



މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަން
މުހައްމަދު ހުޝާމް ދެއްކެވި ވާހަކަފުޅުގައި، ކުރިން ޖަލަށް ފެން ގެންނަނީ
ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްގެންކަން ފާހަގަ ކުރެއްވިއެވެ. އަދި މި
ހުޅުވި ފެން ޕްލާންޓުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލުއިވެގެންދާނެ ކަމަށާއި،
ފެން ޕްލާންޓުން ޖަލުގައި ތިބޭ ގައިދީންނާއި، އޮފިސަރުންނަށް ބޭނުންވާ މިންވަރަށް ފެން އުފެއްދޭނެ ކަމަށް ހުޝާމް ވިދާޅުވިއެވެ. 

ޖަލުގެ ބޭނުންތަކަށް ދުވާލަކަށް ގާތްގަނޑަކަށް 70 ޓަނުގެ ފެން ބޭނުން ކުރެއެވެ.
އައްސޭރި ޖަލުގައި ތައާރަފްކުރި އާސަންދައިގެ ޚިދުމަތައް އިޝާރާތް ކުރައްވާ
ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު ހުޝާމް ވިދާޅުވީ، އާސަންދަ ޚިދުމަތާއެކު
ޖަލުންދޭ ޚިދުމަތްތައް އަވަސްވެގެންދާނެ ކަމަށެވެ. ހުޝާމް ވިދާޅުވީ، ކަރެކްޝަނަލް
ސާރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީން ޤަވާއިދުން ޑޮކްޓަރަށް ދައްކާ
ކަމަށާއި، ދަތިވަނީ ސްޕެޝަލިސްޓުންނަށް ދެއްކުމަށް ކަމަށެވެ.
އައްސޭރި ޖަލުގައި އަލަށް ހުޅުވި އޮފީސް އިމާރާތާއެކު ޖަލުންދޭ ޚިދުމަތްތަކަށް
އިތުރު ހަލުއި ކަމެއް އަންނާނެކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.



އައްސޭރި ޖަލަކީ މުޖުތަމައަށް
ނުރައްކާތެރި ކުށްވެރިން ފިޔަވައި ދެން ތިބި ގައިދީން ބައިތިއްބާ ލުއި ޖަލެކެވެ.  އެތަނުގައި ތިބޭ ގައިދީން ސެލް ތަކުގައި ތިބޭ
ވަގުތު މަދުކޮށް މަސައްކަތައް ދޫކޮށްފައި ތިބޭކަން ކޮމިޝަނަރގެ ވާހަކަފުޅުގައި
ފާހަގަ ކުރެއްވިއެވެ.
މިއަދު ހުޅުވި އޮފީސް އިމާރާތާއި، ފެން ޕްލާންޓްގެ މަސައްކަތް ކޮށްފައިވަނީވެސް
ގައިދީންނާއި، އެ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނެވެ.