ވިޔަފާރި

ޤަތަރު ޓްރެވަލް މާޓުގައި ރާއްޖެއިން ބައިވެރިވެއްޖެ


މެދު އިރުމަތީގައި ބާއްވާ އެންމެ މަޤްބޫލް ޓްރެވަލް ޓްރޭޑު ފެއަރ ކަމަށްވާ ޤަތަރު ޓްރެވަލް މާޓުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ފެއަރ ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 16އިން 18ގެ ނަޔަލަށެވެ. މި ފެއަރގައި މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 22 ކުންފުންޏަކުންވަނީ ބައިވެރިވެފައެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ އަމާޒަކީ މެދުއިރުމަތީ މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅުން ބަދަހިކޮށް، ރާއްޖެ އިޝްތިހާރުކޮށް، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުކުރުން ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

ޤަތަރު ޓްރެވަލް މާޓްގައި ރާއްޖެ އިޝްތިހާރުކޮށްފައިވަނީ، ރާއްޖޭގެ ގުދުރަތީ ރީތިމަންޒަރުތަކުން ފަރުމާކޮށްފައިވާ 72 އަކަމީޓަރުގެ ސްޓޭންޑެއްގައެވެ. މި ފެއަރގެ ތެރެއިން ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށްފައިވާ ކަަމަށާއި، އެގޮތުން ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓެލްތަކާއި، ގެސްޓުހައުސްތައް، އަދި ލިވަބޯޑުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މި ފެއަރގައި އިޝްތިހާރުކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއާއި ބެހޭ ސުވާލުތައް އެކުލެވޭ ކުއިޒެއް ކުރިއަށްގެންގޮސްފައިވާއިރު، ކުއިޒުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވުނު ފަރާތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުވަނީ ދީފައެވެ. މި ގުރުއަތު ސްޕޮންސަރކޮށްފައިވަނީ ޖޭ ޑަބްލިއު މެރިއޮޓުގެ ފަރާތުންނެވެ.

ޤަތަރު ޓްރެވަލް މާޓުގައި ބައިވެރިވުމުގެ އިތުރަށް، އެމްއެމްޕީއާރުސީން ވަނީ ދޯހާގައި ރާއްޖެއަށް ޚާއްސަ ރޯޑްޝޯއެއްވެސް ބާއްވާފައެވެ. މި ރޯޑް ޝޯގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 10 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ރޯޑް ޝޯގައިވެސް ވަނީ ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ގުރުއަތުން ހޮވުނު ފަރާތަކަށް ދީފައެވެ. ރޯޑް ޝޯގެ ގުރުއަތު ސްޕޮންސަރކޮށްފައިވަނީ މޫވް އެންޑް ޕިކް ރިސޯޓު ކުރެދިވަރުންނެވެ.