ޚަބަރު

އަންނަ ޖެނުއަރީގައި 3 ރަށެއްގެ ސެޓަލައިޓް ސްކޫލްގައި ކިޔަވައިދޭން ފަށަނީ


މިއަހަރުގެ ދެވަނަ ޓާމުގައި ތެރޭގައި ސެޓެލައިޓް ސްކޫލް މަފްހޫމުގެ ދަށުން ކިޔަވައިދޭން ފެށުމަށް ނިންމައިފއެވެ. އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ މިގޮތަށް ކިޔަވައިދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. މިއަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 16 ގައެވެ.

"ސެޓެލައިޓް ސްކޫލް" ޤާއިމުކުރަނީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލް ނުހިންގޭ ރަށްރަށުގައެވެ. މިމަސައްކަތުގެ ދަށުން، ބ.ފެހެންދުއާއި ވ.ރަކީދޫ އާއި ވ.ތިނަދޫގައި ސެޓެލައިޓް ސްކޫލު އިމާރާތްކުރުމުގެ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި ވަނީ ފަށާފައެވެ.

ދައުލަތުގެ ބަޖެޓުން އެއް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފެހެންދޫގައި ސެޓެލައިޓް ސްކޫލް ޢިމާރާތްކުރަން ހަވާލުކުރީ ކޭޑީ އެންޓަޕްރައިސަސްއާއެވެ. ތިނަދުއާއި ރަކީދޫގެ ސެޓެލައިޓް ސްކޫލް ޢިމާރާތްކުރަން ހަވާލުކުރީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާއެވެ. ތިނަދޫ ސްކޫލަށް އެއް މިލިއަން ރުފިޔާ އަދި ރަކީދޫ ސްކޫލު އަޅަން ދެ މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.

ޘާނަވީ އިމްތިހާން ނިންމި ދަރިވަރުންގެ ތެރެއިން ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އިނާމާއި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ސެޓެލައިޓް ސްކޫލާއެކު ސްކޫލްގައި ކިޔަވާ ޢުމުރުގެ ކުދިން މަދުވުމުން، ސްކޫލް ނެތް ތިން ރަށްކަމަށްވާ، ބ. އަތޮޅު ފެހެންދުއާއި، ވ. ތިނަދުއާއި، އެ އަތޮޅު ރަކީދޫގެ ދަރިވަރުން، ކިޔެވުމަށްޓަކައި ފެރީއެއްގައި އެހެން ރަށަކަށް ދިޔުމަށްޓަކައި އުފުލަންޖެހޭ ބުރަ ފިލައިގެންދާނެކަމަށެވެ. އެ ތިން ރަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ، މާލޭގެ ހުރަވީ ސްކޫލްގައި ޤާއިމުކޮށްފައި ހުންނަ ސެޓެލައިޓް ހަބްގައި ތިއްބަވާ ޓީޗަރުންކަމަށް ރައީސް ވިދާޅުވިއެވެ.

މި ބަދަލު ތަޢުލީމީ ދާއިރާއަށް ގެނައުމުގެ ބޭނުމަކީ، ޤައުމު ތަރައްޤީ ކުރާނެ މީހުން ބިނާކުރުމާއި ޢިލްމީ އަދި ޖިސްމާނީ ޤާބިލްކަން ދަރިންނަށް ހޯދައިދިނުންކަން ހާމަކުރައްވާ އެކަން ކާމިޔާބު ކުރެވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ސެޓަލައިޓް ސްކޫލިން މެދުވެރިކޮށް ކިޔަވައިދިނުމަށްޓަކައި ކޮންމެ ރަށެއްގައި ދަރިވަރުން ހާޒިރުވެގެން ކިޔަވާނެ ޢިމާރާތަކާއި ކޮންމެ ގްރޭޑަކަށް ބޭނުންވާ މުދައްރިސުން ތިބޭނެއެވެ. މިގޮތަށް ކިޔަވައިދޭއިރު ކޮންމެ ދަރިވަރަކަށްވެސް ބޭނުންވާނެ ވަޞީލަތްތައް ފޯރުކޮށްދެއްވާނެކަމަށާއި ދަރިވަރުންގެ އިތުރު ޙަރަކާތްތައް ކުރިއަށްގެންދިޔުމުގައި އެހެނިހެން ސްލޫލްތަކާ ގުޅިގެން ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.