ޚަބަރު

ޖޫންމަހު އެކަނިވެސް ކުޑަކުދިންނަށް އަނިޔާކުރުމުގެ 88 މައްސަލަ


  • ހެލްޕްލައިނަށް 1966 ކޯލް ލިބިފައިވޭ

  • ޖޫންމަހުގެ ނިޔަލަށް 148 ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ޖޫންމަހު އެކަނިވެސް 192 މައްސަލަ ރިޕޯޓްކޮށްފައިވާކަމަށާއި، އޭގެތެރޭގައި ގިނައީ ކުޑަކުދިންނަށްކުރާ އެކިބާވަތުގެ އަނިޔާގެ މައްސަލަތައްކަމަށް އެވުޒާރާއިން ހާމަކުރައްވައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާންމުކުރައްވާފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖޫންމަހު ޗައިލްޑް ހެލްޕްލައިން 1412އަށް ޖުމްލަ 1966 ކޯލް ލިބިފައިވެއެވެ. މީގެތެރޭގައި ގިނައީ ބޮޑެތި މީހުންގެ ފަރާތުން އައިސްފައިވާ ކޯލްތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެވުޒާރާއިން ވިދާޅުވީ، ޖޫން މަހު އެވުޒާރާއަށް 192 މައްސަލަ ރިޕޯޓުކޮށްގެން އެޓެންޑްކޮށްފައިވާކަމަށެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށްކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނަށް އަނިޔާކުރުމުގެ 88 މައްސަލައެއް ހުށަހަޅާފައެވެ.

ކުޑަކުދިންނަށްކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް:

ޖިންސީ ހާނިކައްކައިގެ 27 މައްސަލަ
ޖިސްމާނީ ހާނިއްކައިގެ 18 މައްސަލަ
އިހުމާލުވުމުގެ 13 މައްސަލަ
ނަފްސާނީ ހާނިއްކައިގެ 8 މައްސަލަ
ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 07 މައްސަލަ
ގަނާގެ ޝިކާރައަކަށްވުމުގެ 06 މައްސަލަ
ބްލެކްމެއިލްކުރުމުގެ 4 މައްސަލަ
ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 02 މައްސަލަ
ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 01 މައްސަލަ
އިންޓަރނެޓް މެދުވެރިކޮށް ގަނާގެ ޝިކާރައަކަށްވުމުގެ 01 މައްސަލަ
ޖިންސީ "ގްރޫމިންގް" ކުރުމުގެ 01 މައްސަލަ

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ ޖުމްލަ 35 މައްސަލަ އެ ވުޒާރާއަށް ޖޫން މަހު ހުށަހަޅާފައިވެއެވެ.

މީގެތެރޭގައި ޖިސްމާނީ އަނިޔާ ކުރުމުގެ 14 މައްސަލައާއި، ނަފްސާނީ އަނިޔާ ކުރުމާއި، އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލައެއް ހުށަހަޅާފައިވެއެވެ. ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 33 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 02 މައްސަލައެކެވެ.

ޖޫންމަހު ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 39 މައްސަލައެއް އިޖުތިމާޢީ ވުޒާރާއަށް ހުށަހަޅާފައިވެއެވެ. އޭގެތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 6 މައްސަލަ، ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 6 މައްސަލައެއްގެ އިތުރުން ހަޟާނާގެ 13 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އަދި ކުދިންނާއި ބައްދަލުކުރުމުގައިޖެހޭ 14 މައްސަލައެއް އެވުޒާރާއަށް ރިޕޯޓުކޮށްފައިވެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖޫންމަހު އެ ވުޒާރާގެ ހެލްޕްލައިން ޖުމްލަ 1966 ކޯލަށް ވަނީ އެޓެންޑްކޮށްފައެވެ. މީގެތެރޭގައި، ކުޑަކުދިން އަމިއްލައަށް ކޮށްފައިވާ 45 ކޯލަކާއި، ބޮޑެތި މީހުންގެ ފަރާތުން އައިސްފައިވާ 1433 ކޯލެއްގެ އިތުރުން ނަންހާމަނުކުރާ 488 ފަރާތަކުން އައިސްފައިވާ ކޯލްހިމެނެއެވެ.

ޖޫންމަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމްލަ އަދަދަކީ 148އެވެ. އޭގެތެރޭގައި ހިމެނެނީ 80 ފިރިހެން ކުދިންނާއި، 68 އަންހެން ކުދިންނެވެ.

އެމަހު ދައުލަތަށް އަލަށް 2 ކުއްޖަކު ނަގާފައިވެއެވެ. އަދި 1 ކުއްޖަކު އާއިލާއަށް ޙަވާލު ކޮށްފައިވެއެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްޞަކޮށްގެން "ކޮންމެ ކުއްޖަކަށް އާއިލާއެއް" ނަމުގައި ޚާއްޞަ ޕްރޮގްރާމެއް އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން އަންނަނީ ހިންގަމުންނެވެ.