ވިޔަފާރި

މޯލްޑިވްސް ލިވިންގ އެކްސްޕޯ ފަށައިފި


މޯލްޑިވްސް ލިވިންގ އެކްސްޕޯ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ.

މި އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ.

ހައި ރައިޒްއިން އިންތިޒާމްކޮށްގެން ބާއްވާ ލިވިންގ އެކްސްޕޯގެ މައި އެގްޒިބިޓަރުންގެ ތެރޭގައި މެލޭޝިއާގެ ޕްރޮޕަޓީ އެންޑު ރެސިޑެންސް ކުންފުނި ލިންބާގު، ރާއްޖޭގެ ރިއަލް އެސްޓޭޓު ކުންފުންޏެއް ކަމަށްވާ އެކުއާވިޓާ ރެސިޑެންސާޒް އަދި އާރުސީސީ- ކްރީކް ވިއު ހިމެނެއެވެ.

މީގެ އިތުރުން އެސްޓީއޯ، ބީއެމްއެލް، މޯލްޑިވްސް އިސްލާމިކް ބޭންކް، އެލައިޑް އިންޝުއަރެންސް އަދި ރެއިންބޯ ފަދަ ކުންފުނިތައް މިއަހަރުގެ އެކްސްޕޯގައި ބައިވެރިވެއެވެ. އެކްސްޕޯގެ ތެރެއިން މި ކުންފުނިތަކުގެ ތަފާތު ޕްރޮޑަކްޓްސްތައް އާންމުންނަށް ފެންނަން ހުންނާނެކަމަށް ހައިރައިޒްއިން ބުނެއެވެ.

ހައިރައިޒްއިން ބުނީ މޯލްޑިވްސް ލިވިންގ އެކްސްޕޯގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޤާއިމްކޮށް ބިނާކުރެވެމުންދާ ރިއަލް އެސްޓޭޓް ވިޔަފާރީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ މަޢުލޫމާތު ހިއްސާކުރުންކަމަށެވެ. އަދި ގެދޮރަށް ބޭނުންވާ އެންމެ ފަހުގެ ފަރުނީޗަރާއި، ޓެކްނޮލޮޖީ އަދި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުގެ މައުލޫމާތުވެސް މިއެކްސްޕޯއިން ލިބޭނެކަމަށް ހައިރައިޒްއިން ބުނެއެވެ.

މިއަހަރުގެ ލިވިންގ އެކްސްޕޯ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭނގަޑު 10:00 އަކަށެވެ.

މިއީ ލިވިން އެކްސްޕޯ ބާއްވާ 9ވަނަ އަހަރެވެ. ލިވިން އެކްސްޕޯ އެންމެ ފުރަތަމަ ބޭއްވީ 2013ވަނަ އަހަރުއެވެ. ލިވިން އެކްސްޕޯގައި ޢާންމު ފަރާތްތަކަށާއި އިންވެސްޓަރުންނަށް ރިއަލް އެސްޓޭޓް ދާއިރާގެ ތަފާތު އެކި ޕްރޮޖެކްޓްތަކާއި، އިންޓީރިއާ، އެކްސްޓީރިއާގެ އިތުރުން ފައިސާގެ މުއާމަލާތްތައް ގެންދާނެ ގޮތުގެ މައުލޫމާތު އެއްތަނަކުން ލިބިގެންދާނެ ކަމަށް ހައިރައިޒްއިން ބުނެއެވެ.